ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް އެކަކުން ގަލްފް އެއާ އަށް ހިދުމަތް ދޭން ފަށައިފިއެވެ. މި ހިދުމަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއާޕާސަން، އަބްދުﷲ ގިޔާސްއެވެ.
މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ގަލްފް އެއާގެ އެއަރޕޯޓް މެނޭޖަރު މުހައްމަދު އަރުޝަދު މުހައްމަދު ނަވާސްގެ އިތުރުން، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފާއި، އެމްއޭސީއެލް އަދި ގަލްފް އެއާގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ގަލްފް އެއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 77 ފަސިންޖަރުންނަށް ހަދިޔާ ދެވުނެވެ.
ޓާމިނަލް އެކަކަށް ކައިރިކުރި ގަލްފް އެއާގެ ފުރަތަމަ މަތިންދާބޯޓު، GF145 އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ ވަޑައިގެންނެވި 18 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔުނެވެ.
ބަހްރެއިންގެ ގައުމީ އެއާލައިންކަމަށްވާ ގަލްފް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 27 އޮކްޓޫބަރު 2019 ގައެވެ. މި އެއާލައިނުން ބަހްރެއިނާއި ރާއްޖެއާ ދެމެދު ދުވާލަކު އެއް ފްލައިޓް އަދި ރާއްޖެއާއި ލަންކާއާ ދެމެދުވެސް ދުވާލަކު އެއް ފްލައިޓް ބާއްވަމުން ގެންދެއެވެ.
ގަލްފް އެއާއަކީ ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށި 9 ވަނަ އެއާލައިން އަދި މެދުއިރުމަތީގެ ދެވަނަ އެއާލައިންއެވެ. މިހާރު ޓާމިނަލް އެކަކުން ހިދުމަތްދޭ އެހެން އެއާލައިންތަކުގެ ތެރޭގައި މޯލްޑިވިއަން، އެއާ އަރަބިއާ، ބިއޯންޑް، ފިޓްސް އެއާ، ބެއިޖިންގް ކެޕިޓަލް އެއާލައިންސް، ބަޓިކް އެއާ، ބެންކޮކް އެއާވޭސް އަދި އިންޑިގޯ ހިމެނެއެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.