ފަލަސްޠީނުގެ ރައްޔިތުންނަށް ޢަދުލު އިންޞާފު ޤާއިމުކުރުމަށް ރައީސް މުޢިއްޒު ގޮވާލައްވައިފި

އާއިޝަތު އަނާ ރަޝީދު
 
1 ދުވަސް ކުރިން

ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަސް ކޮންމެ ނޮވެމްބަރު މަހެއްގެ 29 ވަނަ ދުވަހު ފާހަގަކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވަނީ، މި އެއްބައިވަންތަކަން ޙަޤީޤީ އަދި މާނަވީ ޢަމަލުތަކަކަށް ބަދަލުކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވައިފައެވެ. 

ދިވެހިރާއްޖެއިން މި ދުވަސް ފާހަގަކުރަމުންދަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތާމަވެރި ހާލަތުގެ ތެރޭގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، 1982 ވަނަ އަހަރުން ފަށައިގެން ދިވެހިރާއްޖޭގައި މިދުވަސް ފާހަގަކުރަމުން އައި ނަމަވެސް، މިއަދު މި މުނާސަބާ ވަށާލެވިފައިވަނީ ހިތާމައިގެ އަސަރުތަކުން ކަމަށެވެ. އެމަނިކުފާނު ވަނީ އިޒްރޭލުގެ އަނިޔާވެރިކަމާއި، އާބާދު ފުޅާކުރުމުގެ ޣައިރުޤާނޫނީ ޖަރީމާ ކުށްވެރިކުރައްވާފައެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ ނާޒުކު ހާލަތު ދޭހަކޮށްދެނީ ހަމަނުޖެހުންތަކަށް ކުރު މުއްދަތެއްގެ މެދުކެނޑުމަކުން ދާއިމީ ރައްކާތެރިކަމެއް ނުދެވޭނެކަން ކަމުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

ފަލަސްޠީނުގެ ބިމުގައި އެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް އަލިއަޅުއްވާލައްވަމުން، އެމަނިކުފާނު ވިދާޅުވީ ފުރާނަ ގެއްލިދިއުމާއި ގެދޮރު ސުންނާފަތިވެދިއުމުގެ ނުތަނަވަސްކަމަކީ، ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ކުރިމަތިލާ ތަކުލީފުތަކެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޞުލްޙަވެރިކަމުގެ މާނަ ބަޔާންކުރައްވަމުން ވިދާޅުވީ، "ޞުލްޙަވެރިކަމަކީ ހަމައެކަނި ހަމަނުޖެހުންތައް ނެތިގެން ދިއުމެއް ނޫނެވެ. އެއީ ޢަދުލު އިންޞާފު ޤާއިމުކުރުމެވެ. އަދި ކަރާމާތާއި ޢަބުރުވެރިކަން ކަށަވަރުކުރުމުގައި އެއްވެސް ބަޔަކު އެކަހެރިކުރެވިގެން ނުވާނެއެވެ."

ރާއްޖޭގެ ދާއިމީ ޤަބޫލުކުރުން ތަކުރާރުކުރައްވަމުން، ރައީސް މުޢިއްޒު ވިދާޅުވީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާއެކު، އިރުމަތީ ޤުދުސްއަކީ ވެރިރަށުގެ ގޮތުގައި، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށެވެ. މީގެ އިތުރުން، ފަލަސްޠީނަށް އ.ދ.ގެ ފުރިހަމަ މެމްބަރުކަން ދޭންޖެހޭކަމަށާއި، އެ ޤައުމުގެ ސިޔާދަތާއި އިޤްތިޞާދީ ކުރިއެރުމަކީ، އެއްވެސް ޝަރުތެއް ނެތި ކަށަވަރުކޮށްދޭން ޖެހޭ ކަންތައްތަކެއް ކަމުގައި އެމަނިކުފާނު ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުގައިވެސް މި ޝުޢޫރުތައް ތަކުރާރުކުރައްވަމުން ވިދާޅުވީ، ފަލަސްޠީނުގެ މައްސަލައަކީ ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން އެންމެން ގުޅިގެން ހައްލު ހޯދައިދޭންޖެހޭ ކަމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ، ފަލަސްޠީނުގެ ރައްޔިތުންނަށް އަމިއްލަ ވެރިކަމެއް ޤާއިމުކުރުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުގެ ސަމާލުކަން ހޯދުމެވެ.