ޗާގޯސް ޖަޒީރާ ނުވަތަ ދިވެހިންގެ ނަމުން ނަމަ ފޯޅަވަހީގެ މިލްކުވެރިކަން އެހެން އެއްވެސް ގައުމަކަށް ވުރެ ބޮޑަށް ހައްގުވަނީ ދިވެހިރާއްޖެއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ 'އެކްސްޕްރެސް' އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަނީ ޗާގޯސްގެ މައްސަލައިގައި ރާއްޖޭގެ ރަސްމީ ވިސްނުން ހާމަކުރައްވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ދޫކޮށްލަން ނިންމާފައިވާ ނިންމުމާ ގުޅިގެން ރާއްޖޭގެ ކަންބޮޑުވުންތައް ރަސްމީކޮށް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މޮރިޝަސްއަށް ވުރެ ބޮޑަށް އެ ރަށްތަކުގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން އައުލާކަން ބޮޑުކަމަށް ބަޔާންކޮށް އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މި ސިޓީގެ ވާހަކަ ރައީސް އެންމެ ފުރަތަމަ ހާމަކުރެއްވީ 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ޗާގޯސްއަކީ ތާރީހީ ގޮތުން ރާއްޖެއާ ގުޅުންތަކެއް އޮތް ތަނެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، "ޗާގޯސްގެ ރަށްތަކާ ދިވެހިރާއްޖެއާ ތާރީހީ ގުޅުންތަކެއް އެބަހުރި - އެއީ ދިވެހިން ކިޔާ ގޮތުން ނަމަ ފޯޅަވަހި - އެއީ ރާއްޖޭގެ ދެކުނުގައި އޮންނަ ތަނެއް. މި ގުޅުމާ ބެހޭ ހެކިތައް ލިޔެކިޔުންތަކުން ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ދިވެހިރާއްޖެއަށް ކަމަށް،" ކަމަށެވެ.
މި މައްސަލައިގައި އިނގިރޭސި ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގެ އިތުރު ތަފްސީލެއް މިވަގުތު ހާމަކުރެވެން ނެތް ނަމަވެސް، ރާއްޖޭގެ ހައްގުތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. ރައީސް ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތުމުގެ ހައްގު މާ ބޮޑު ކަމަށް ދެކޭ ވާހަކަ ތަކުރާރު ކުރައްވާ ކަމަށެވެ.
ޗާގޯސްގެ މައްސަލައިގައި ބައިނަލްއަގުވާމީ މަސްރަހު ހޫނުވެފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެސް ވަނީ އިނގިރޭސިވިލާތުން މޮރިޝަސްއަށް އެ ރަށްތައް ދޫކޮށްލަން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޓްރަމްޕު އެ ނިންމުން ސިފަކުރެއްވީ އިނގިރޭސިވިލާތުން ނިންމި "ގަމާރު" ނިންމުމެއްގެ ގޮތުގައެވެ.