ޣައްޒާގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަމާސްގެ އަސްކަރީ ތަރުޖަމާނު އަބޫ އުބައިދާ ޝަހީދުވެފައިވާކަން އެ ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ.
ގައްސާމް ބްރިގޭޑްސްގެ ޓެލެގްރާމް ޗެނަލް މެދުވެރިކޮށް އާންމުކުރި ވީޑިއޯ ބަޔާނެއްގައި ބުނެފައިވަނީ، "ދުނިޔޭގެ އެތައް ބައެއްގެ ލޯބި ލިބިފައިވާ، މޫނު ނިވާކޮށްގެން ހުންނަވާ ގައްސާމް ބްރިގޭޑްސްގެ މަތިވެރި ކޮމާންޑަރު އަދި ތަރުޖަމާނު އަބޫ އުބައިދާގެ ވަކިވުމުގެ ހިތާމައިގައި އަޅުގަނޑުމެން އިސްޖަހާލަމެވެ." މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ޣައްޒާއަށް ދިން ހަމަލާއެއްގައި އަބޫ އުބައިދާ މަރާލެވިފައިވާ ކަމަށް އިސްރާއީލުން މީގެ ކުރިން ވަނީ ބުނެފައެވެ.
ޣައްޒާ ހަނގުރާމައިގެ ތެރޭގައި ހަމާސްގެ އަސްކަރީ ހަރަކާތްތަކާއި އަސީރުން ބަދަލުކުރުމާ ގުޅޭ ރަސްމީ ބަޔާންތައް ދެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ފަރާތެވެ. އޭނާގެ ބަޔާންތަކަކީ ޣައްޒާގެ ރައްޔިތުންނާއި، އަރަބި ދުނިޔޭގެ އިތުރުން ބައިނަލްއަގުވާމީ މީޑިއާތަކުންވެސް ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އައި ބަޔާންތަކެކެވެ.

1985 ވަނަ އަހަރު އުފަންވި އަބޫ އުބައިދާ ބޮޑުވީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕުގައެވެ. ވަރަށް ޒުވާން އުމުރުގައި ހަމާސްއާ ގުޅިވަޑައިގެންނެވި އޭނާ، ފަހުން ވެގެންދިޔައީ އެ ޖަމާއަތުގެ ހަމައެކަނި ތަރުޖަމާނަށެވެ. އަބަދުވެސް އަސްކަރީ ޔުނީފޯމުގައި ރަތް ކެފިޔާއަކުން މޫނު ނިވާކޮށްގެން ފެންނަ އަބޫ އުބައިދާއަކީ އިސްރާއީލުން އެތައް ފަހަރަކު އަވަހާރަކޮށްލަން މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ.
ހަމާސްގެ އޮފިޝަލުން ސިފަކުރާ ގޮތުގައި އޭނާއަކީ "މުގާވަމާ" ނުވަތަ ދެކޮޅުވެރިކަމުގެ ރަމްޒެކެވެ. އޭނާގެ ވަރުގަދަ ތަގުރީރުތަކާއި އިސްރާއީލަށް ދެމުންދިޔަ އިންޒާރުތަކުގެ ސަބަބުން އޭނާ މަޝްހޫރުވެފައިވާއިރު، އޭނާގެ އަސްލު ވަކިވަަރު އެނގެނީ ހަމާސްގެ ވަރަށް މަދު ބަޔަކަށް ކަމަށް އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދިން އޮފިޝަލަކު ބުންޏެވެ.
އަބޫ އުބައިދާ ޝަހީދުވިކަން އިއުލާނުކުރި ވީޑިއޯގައި ފެންނަނީ އޭނާގެ ސްޓައިލަށް މޫނު ނިވާކޮށްގެން ހުރި އެހެން މީހެކެވެ. އޭނާ ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި ބަޔާންތައް ނެރުމުގައި އޭނާ ބޭނުންކުރާނީ އަބޫ އުބައިދާގެ ނަމެވެ. މީގެ އިތުރުން، އިސްރާއީލުގެ ހަމަލާތަކުގައި ހަމާސްގެ އިތުރު ހަތަރު ކޮމާންޑަރަކު ޝަހީދުވެފައިވާކަންވެސް އެ ވީޑިއޯގައި ވަނީ ހާމަކޮށްފައެވެ.