އިސްރާއީލުން ގާޒާއަށް ހަމަލާ ދިނުން | ފޮޓޯ: ގޫގުލް

އިސްރާއީލުން ގާޒާއަށް ދިން ހަމަލާތަކެއްގައި 11 މީހުން ޝަހީދުވެއްޖެ

މުހައްމަދު ހަމީޒް
 
2 މަސް ކުރިން

އާދީއްތަ ދުވަހުގެ ހެނދުނު އިސްރާއީލުން ގާޒާއަށް ދިން ވައިގެ ހަމަލާތަކެއްގައި 11 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސް އަދި ސިއްހީ އޮފިޝަލުން ބުނެފިއެވެ. ފަލަސްތީނުގެ ރެޑް ކްރެސެންޓުން މައުލޫމާތު ދޭ ގޮތުގައި، ގާޒާގެ އުތުރުގައި ހުރި ފޭލިގެތަކަކަށް ދިން ހަމަލާއެއްގައި ހަ މީހުން ޝަހީދުވެފައިވާއިރު، ދެކުނުގެ ސަރަހައްދަށް ދިން ހަމަލާއެއްގައި ފަސް މީހުން ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުގެ ދިފާއީ ބާރުން ބުނެފައިވަނީ މި ހަމަލާތަކަކީ ހަމާސްއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވުމާ ގުޅިގެން ދީފައިވާ ހަމަލާތަކެއް ކަމަށެވެ. އަދި އޮކްޓޯބަރު 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަމަލީ ގޮތުން ހިނގަން ފެށި ފަހުން، އިސްރާއީލާއި ހަމާސްއިން ވެސް ދަނީ އެއްބަޔަކު އަނެއްބަޔަކަށް އެއްބަސްވުމާ ހިލާފުވާ ކަމުގެ ތުހުމަތު ކުރަމުންނެވެ. ގާޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލި ފަހުން މިހާތަނަށް 600 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

މި ހަމަލާތައް ދީފައިވަނީ އެމެރިކާ މެދުވެރިވެގެން ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ތަންފީޒު ކުރުމުގެ ތައްޔާރީތައް ވަމުންދަނިކޮށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 'ބޯޑް އޮފް ޕީސް' ގެ ނަމުގައި އާ މަޖިލީހެއް އުފައްދަވާފައެވެ. މި މަޖިލީހުގެ ފުރަތަމަ ބައްދަލުވުން ފެބްރުއަރީ 19 ވަނަ ދުވަހު ވޮޝިންގްޓަންގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބޯޑުގެ މަގްސަދަކީ ގާޒާގެ ބޯޑަރުތައް ބެލެހެއްޓުމަށް ބައިނަލްއަގުވާމީ ފައުޖެއް ގާއިމުކުރުމާއި، ހަމާސްގެ ހަތިޔާރު އަތުލުމުގެ މަސައްކަތް ބެލެހެއްޓުމެވެ.

ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި، މި ބޯޑުގެ މެންބަރުން ވަނީ ގާޒާ އަލުން އާރާސްތުކުރުމަށް 5 ބިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފައެވެ. ނަމަވެސް، ހަމާސްއިން ވަނީ ހަތިޔާރު ބެހެއްޓުމަށް ދެކޮޅު ހަދާފައެވެ. އެ ޖަމާއަތުން ބުނަމުންދަނީ ހަތިޔާރު ބަހައްޓާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުވުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދެވަނަ މަރުހަލާއަށް އެހީތެރިވުމުގެ ގޮތުން އިންޑޮނޭޝިއާއިން 8,000 ސިފައިން ގާޒާއަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.