އިސްރާއީލުގެ ސަލާމަތީ ވަޒީރު އިޓަމާ ބެން ގްވީރާއި އެހެނިހެން ބަޔަކު އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަތުމާ ގުޅިގެން ދިވެހި ސަރުކާރުން މިރޭ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ޔަހޫދީންގެ ސުއްކޮތު ފާހަގަކުރާ ދުވަސްވަރުއެވެ.
މި މައްސަލައިގައި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ސީދާ ޚިލާފު ކަމެއްކަމަށެވެ. އަދި މިއީ އަލްއަޤްޞާ މިސްކިތުގެ ޤަދަރާއި، ޤާނޫނީ ހައިސިއްޔަތާއި، އިސްލާމީ އަދި ތާރީޚީ އަގު ވެއްޓުވާލުމަށް ހިންގޭ ރޭވުންތެރި ޢަމަލެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، މިފަދަ ޢަމަލުތައް ތަކުރާރުކޮށް ހިންގުމަކީ ހަމައެކަނި ފަލަސްތީނު ރައްޔިތުންގެ ދީނީ މިނިވަންކަމަށް އަރައިގަތުމެއް ނޫންކަމަށާއި، މުޅި އިސްލާމީ އުންމަތަށް ކުރެވޭ ސީދާ ފުރައްސާރައެއްކަމަށް ދިވެހި ސަރުކާރުން ފާހަގަކޮށްފައިވެއެވެ. އަދި އިސްރާއީލުން ހިންގާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަގުތުން ފިޔަވަޅު އަޅަންޖެހޭކަމަށް ގޮވާލައި، ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މައްޗަށް އޮތް ޒިންމާ އަދާކުރުމަށް ދިވެހިރާއްޖެއިން ގޮވާލާފައިވެއެވެ.