ޙުޛައިފާ ސަމީރު އުބައިދާ އަލް-ކަޙްލޫތު

ރެފިއުޖީއެއްގެ ގޮތުގައި އުފަންވި، ހިތްވަރުގަދަ ބަތަލެއް: އަބޫ އުބައިދާއަކީ ކާކު؟

މުހައްމަދު ހަމީޒް
 
16 ދުވަސް ކުރިން

އަހަރުތަކެއް ވަންދެން، ދުނިޔެއަށް އޭނާގެ މޫނު ނުފެނި އޭނާގެ އަޑު އިވެމުންދިޔައެވެ. އޭނާ ވާހަކަދެއްކެވީ މޫނު ނިވާކުރައްވައިގެން ހުންނަވައި، ހަމާސްގެ އަސްކަރީ ތަރުޖަމާނުގެ ހައިސިއްޔަތުންނެވެ.

އޭނާގެ ސޫރައާއި، ނަމާއި، އަދި އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް އޮތީ ވަންހަނާވެފައެވެ. ނަމަވެސް، މިފަހަރު އޭނާ އާންމުންގެ ކުރިމައްޗަށް ފާޅުވީ ޝަހީދެއްގެ ގޮތުގައެވެ. ބޮޑެތި ކާމިޔާބީތަކަކީ ސިއްރުވެރިކަމުގެ ތެރެއިން ވިދާލުމަށް މިންވަރުކުރައްވާފައިވާ ކަންކަމެވެ.

އަބޫ އުބައިދާއަކީ ކާކު؟

އަހަރުތަކެއް ވަންދެން "އަބޫ އުބައިދާ" ގެ ނަމުން މަޝްހޫރުވެފައިވާ ޙުޛައިފާ ސަމީރު އުބައިދާ އަލް-ކަޙްލޫތު އުފަންވީ 1984 ވަނަ އަހަރު، އޭނާގެ އާއިލާ އޭރު ދިރިއުޅެމުންދިޔަ ސައުދީ އަރަބިއްޔާގައި ރެފިއުޖީއެއްގެ ގޮތުގައެވެ.

އޭނާގެ އާއިލާގެ އަސްލު ނިސްބަތްވަނީ އަސްޤަލާން ސަރަހައްދުގެ ނަޖަލިއްޔާ އަށެވެ. އެއީ 1948 ވަނަ އަހަރު ފަލަސްތީނުގެ އެތައް ސަތޭކަ ރަށަކާއި އަވަށަކާއެކު ޒަޔަނިސްޓް ހަނގުރާމަވެރިން ސުންނާފަތިކޮށްލި ރަށެކެވެ.


ކުޑަކުއްޖެއްގެ ގޮތުގައި އޭނާ އާއިލާއާއެކު އެނބުރި އައީ ގައްޒާގެ އުތުރުގައިވާ ޖަބަލިއާ ރެފިއުޖީ ކޭމްޕަށެވެ. އޭގެ ފަހުން އޭނާ ކިޔެވީ އިސްލާމިކް ޔުނިވަރސިޓީ އޮފް ގައްޒާގައެވެ. އެތަނުން އޭނާ ޝަރީއަތާއި ދީނުގެ އަސާސްތައް އުނގެނިވަޑައިގަތެވެ. އަބޫ އުބައިދާއަކީ ވާހަކަދެއްކުމުގެ ބާރުގަދަ ހުނަރެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ހަނގުރާމައިގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގަ އާއި ޔަހޫދީންނަށް ވަރުގަދަ ބަހުގެ ހަމަލާތައް ދިނުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުއްޓެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް، އޭނާ ވެގެންދިޔައީ މުޅި ދުނިޔެ ދަންނަ، އަދި މީސްތަކުންގެ ހިތްތަކުގައި ބަދަލުނުވާނޭ ފަދައިން ބީހިފައިވާ ޝަހްސަކަށެވެ. ފަލަސްތީނަށް ތާއީދުކުރާ މީހުންގެ މެދުގައި، ހާއްސަކޮށް ޒުވާނުންގެ މެދުގައި، އޭނާ މޫނު ނިވާކުރާގޮތް ވެގެންދިޔައީ ޝުއޫރު ފާޅުކުރުމާއި އެއްބައިވަންތަކަން ދެއްކުމުގެ ގޮތަކަށެވެ.

އެތައް އަހަރެއް ވަންދެން އޭނާ ވިދާޅުވި ބަސްފުޅުތަކަކީ ގިނަ ބަޔަކު ބޭނުންކުރާ ޝިއާރުތަކަކަށް އަދި މަޝްހޫރު ބަސްތަކަކަށް ވެގެންދިޔައެވެ.

ހަނގުރާމައިގެ މައިދާނާއި ހަގީގަތް ބައްޓަންކުރި އަޑެއް

އަލް-ޤައްސާމް ބްރިގޭޑްސްގެ ރަސްމީ އަސްކަރީ ތަރުޖަމާނުގެ ހައިސިއްޔަތުން، އޭނާ ވަނީ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ހަރުކަށި ރާގަކަށް ވަރުގަދަ ބަހުގެ ހަމަލާތައް ދެމުންނެވެ. އޭނާ ވަނީ ހަނގުރާމައިގެ މައިދާނުގެ ކުރިއެރުންތައް ހުށަހަޅައިދީ، އަސްކަރީ ހަރަކާތްތައް ތަފްސީލުކޮށްދީ، އަދި މި ޖިހާދުގެ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މާހައުލު މައުލޫމާތު ވަރަށް ތަފްސީލު ގޮތެއްގައި ގެނެސްދީފައެވެ.


އޭނާ ސީދާކޮށް ވާހަކަދެއްކެވީ އަރަބި އަދި އިސްލާމީ އުންމަތަށާއި ބައިނަލްއަގުވާމީ އެކްޓިވިސްޓުންނަށެވެ. އެއީ ތާއީދު ހޯދުމަށާއި ހަގީގަތްތައް ބައްޓަންކުރުމަށެވެ. އިސްރާއީލުގެ ވަޒަންވެރިންގެ ހިތްތަކުގައާއި، އަދި އިސްރާއީލުގެ އަސްކަރީ އަދި ސިޔާސީ މުއައްސަސާތަކުގެ ތެރޭގައި، އޭނާ ވެގެންދިޔައީ ނައްތާލަން ބޭނުންވި މުހިންމު ޝަހުސިއްޔަތަކަށެވެ. އެއީ މީޑިއާގެ ހަނގުރާމައިގައާއި ނަފްސާނީ ގޮތުން ދިން ފިއްތުންތަކުގެ ސަބަބުންނެވެ.

ޖަބަލިއާ ރެފިއުޖީ ކޭމްޕުން މުޤާވަމާގެ މޫނަށް

އިސްތިއުމާރުގެ ހަގީގަތާއި، ކޭމްޕުގެ ގޯޅިތަކާއި، އަދި އާއިލީ ހަނދާންތަކުން ބައްޓަންވެފައިވާ ރެފިއުޖީއެއްގެ ގޮތުގައި ހުރެ، އަބޫ އުބައިދާ އަލް-ޤައްސާމް ބްރިގޭޑްސްއާ ގުޅުނެވެ.

މިއީ 2000 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށުނު އަލް-އަޤްޞާ އިންތިފާޟާގެ ކުރީކޮޅާ ދިމާވި ދުވަސްވަރެކެވެ.

2004 ވަނަ އަހަރުގެ "ޑޭސް އޮފް ރޭޖް" (ކޯފާގެ ދުވަސްތައް) ހަނގުރާމައިގެ ތެރޭގައި، މުޤާވަމާގެ ޖަމާއަތްތަކުން ގައްޒާގެ އުތުރަށް އިސްރާއީލުން ވަދެގަތުމާ ދެކޮޅަށް ހަނގުރާމަކުރަމުންދިޔަ ދަނޑިވަޅުގައި، އަބޫ އުބައިދާ ފުރަތަމަ ފަހަރަށް މީޑިއާއަށް ފެނިގެންދިޔައެވެ.

އޭނާ ވާހަކަދެއްކެވީ ގައްޒާގެ މިސްކިތެއްގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެތަނުގައި އޭނާ ވަނީ އަސްކަރީ މައުލޫމާތު ދިނުމުގެ ސިލްސިލާ ހަރަކާތްތަކެއް އިއުލާނުކުރައްވާފައެވެ.


އެ ހިސާބުން ފެށިގެން، ހަމާސްގެ އަސްކަރީ މީޑިއާގައި އޭނާގެ ދަތުރު ފެށުނެވެ. 2006 ވަނަ އަހަރުގެ ހޫނުމޫސުމުގައި ރަފަހްގެ އިރުމަތިން އިސްރާއީލު ސިފައިންގެ މީހެއް ކަމަށްވާ ގިލާދު ޝާލިތު އަތުލައިގަތްކަން އިޢުލާންކުރި ހިސާބުން ފެށިގެން، 2014 ވަނަ އަހަރުގެ ހަނގުރާމައިގައި ގައްޒާގެ އިރުމަތީގައި ދިން ވަރުގަދަ ހަމަލާއެއްގައި ސިފައިންގެ މީހެއް ކަމަށްވާ ޝައުލް އަރޮން އަތުލައިގަތްކަން އިޢުލާން ކުރުމާ ހަމައަށް، ހަމާސްގެ ކާމިޔާބީތަކުގެ އަޑަކީ އަބޫ އުބައިދާއެވެ.

އޭނާ މި މަސައްކަތް ކުރެއްވީ އެހެން ޖަމާޢަތްތަކުގެ ތަރުޖަމާނުންނާ އެކުގައެވެ. އެއީ ބަންދުކޮށްފައިވާ ހާލަތާއި، ތަކުރާރުވަމުންދިޔަ ހަނގުރާމަތަކާއި، ނުހަނު ދަތި އުނދަގޫ ހާލަތްތަކުގެ ތެރޭގައި ތިބެ، އަސްކަރީ ގާބިލުކަން އިތުރުކުރަމުން ދިޔަ ދަނޑިވަޅުތަކުގައެވެ. ވޭތުވެދިޔަ ދެ ދަހަރުގެ ތެރޭގައި ހިނގި ކުރިމަތިލުންތަކުގެ ކޮންމެ މަރުހަލާއެއްގައިވެސް، އަބޫ އުބައިދާ ވަނީ އިސްރާއީލުގެ ދޮގު ވާހަކަތަކާ ކުރިމަތިލާފައެވެ.

މީގެ އިތުރުން، އޭނާ ވަނީ އިސްރާއީލުގެ ޖަރީމާތަކާއި، އެއްގަމު މަގުން ހިނގި ހަނގުރާމަތަކުގައި އެ ގައުމުގެ ސިފައިންނާއި އޮފިސަރުންގެ އަމަލުތައް ހުރި ގޮތް ހާމަކޮށްފައެވެ. އޭނާ ވަނީ ހަމާސް އަށް އާންމުންގެ ތާއީދު ހޯދައިދީ، ހުޅަނގު އައްސޭރިއާއި، ގުދުސްއާއި، 1948 ގައި އިސްތިޢުމާރުކުރި ބިންތަކާއި، އަދި ގައުމުން ބޭރުގައި ތިބި ފަލަސްތީނު މީހުން މި ޖިހާދުގައި ބައިވެރިވުމަށް ހިތްވަރު ދީފައެވެ.

އޭނާގެ ދިރާސާތަކާއި މެސެޖުތަކުގެ ސަބަބުން، އިސްރާއީލުގެ މުޖުތަމައުގެ ތެރޭގައިވެސް އޭނާއަށް އިތުބާރު ލިބުނެވެ. އެތަނުގައި އޭނާގެ ނަން އެކަނިވެސް ވެފައިވަނީ ރުޅިވެރިކަމާއި ނުތަނަވަސްކަމުގެ މަސްދަރަކަށެވެ.

އަލް އަގްސާ ފްލަޑް

7 އޮކްޓޯބަރު 2023 ގައި ފެށި "އަލް އަގްސާ ފްލަޑް"  އޮޕަރޭޝަނުގެ ފުރަތަމަ ވަގުތުތަކުގައި އަބޫ އުބައިދާ އަސްކަރީ ބަޔާންތައް ނެރެން ފެށިއެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނާއި މުޅި ސަރަހައްދުގެ ހަމަނުޖެހުންތަކުގައި އައި ބޮޑު ބަދަލެކެވެ.

އިސްރާއީލުގެ ސިފައިންނަށް އަސްކަރީ ގޮތުންނާއި ޖާސޫސީ ގޮތުން ލިބުނު ނާކާމިޔާބީއާއި، އިސްރާއީލުން "ގައްޒާ އެންވެލޯޕް" އޭ ކިޔާ ސަރަހައްދުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކާއި އާންމުން ހައްޔަރުކުރިކަން އޭނާ އިޢުލާން ކުރިއެވެ.

މި ސަރަހައްދުތަކުގެ ތެރޭގައި 1948 ވަނަ އަހަރު މީހުން ހުސްކުރި އަވަށްތައް ހިމެނެއެވެ. އޭގެ ތެރޭގައި އޭނާގެ އާއިލީ ތާރީޚާ ގުޅިފައިވާ ރަށްވެސް ހިމެނެއެވެ. އޭގެ ދުވަސްތަކެއް ފަހުން، އިސްރާއީލާއި ދެކޮޅަށް ހިންގި އަސްކަރީ ރޭވުމުގެ ތަފްސީލުތައް އޭނާ ހާމަކުރިއެވެ.


ނުރައްކާތެރި ހާލަތްތަކާއި، އެމެރިކާއާއި ހުޅަނގުގެ ބާރުތަކުގެ އެހީތެރިކަމާއެކު އިސްރާއީލުގެ ޖާސޫސީ އިދާރާތަކުން އޭނާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތްތަކާ އެކުވެސް، ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ މަސްތަކުގައި އަބޫ އުބައިދާ ވާހަކަދެއްކުން ކުރިއަށް ގެންދިޔައެވެ.

އޭނާ ސާބިތުކޮށްދިނީ ކޮންމެ ތަނެއްގައި ތިބި ފަލަސްތީނު މީހުންނަށާއި، އަރަބި އަދި އިސްލާމީ ދުނިޔެއަށާއި، އަދި ފަލަސްތީނަށް ތާއީދުކުރާ މުޅި ދުނިޔޭގެ މީހުންނަށް ގައްޒާގެ އަޑަކީ އޭނާ ކަމެވެ. އޭނާގެ އެންމެ ފަހުގެ ތަގުރީރުތަކާ ހަމައަށްވެސް، އިސްރާއީލުގެ ޖަރީމާތަކާ ދެކޮޅަށް ނުކުތުމަށް އޭނާ ގޮވާލަމުން ދިޔައެވެ. އިސްރާއީލުން ވަނީ އަބޫ އުބައިދާއަކީ އެމީހުން ނައްތާލަން ބޭނުންވާ މައިގަނޑު އަމާޒެއް ކަމަށް ފާޅުގައި ކަނޑައަޅާފައެވެ.

އޭނާގެ ބަޔާންތަކުގެ އަސަރު އިސްރާއީލުގެ ވަޒަންވެރިންގެ މެދުގައި ވަރަށް ބޮޑަށް ކުރިއެވެ. ޚާއްޞަކޮށް، ގައްޒާ ބަންދުކޮށްފައި އޮތުމާއި، ވަސީލަތްތައް މަދުވުމާއި، އަދި މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ ބޮޑެތި ހަލާކުތަކެއް ގައްޒާއަށް ލިބެމުންދިޔަ އިރުވެސް، މުގާވަމާގެ މުޖާހިދުން އިސްރާއީލުގެ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދެމުންދިޔުމާ ގުޅިގެންނެވެ.

އަދި ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ގައްޒާއަށް އެހީތެރިވުމުގައި ނުކުޅެދިފައިވާ އަރަބި ސަރުކާރުތަކަށާއި، އިލްމުވެރިންނަށާއި، ދީނީ ޝަޚްސިއްޔަތުތަކަށް އަބޫ އުބައިދާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ބަނޑުހައިހޫނުކަމާއި ސުންނާފަތިވުމުގެ ތެރޭގައި އެތައް ހާސް ކުޑަކުދިންނާއި، އަންހެނުންނާއި، އާންމުން މަރަމުންދިޔަ އިރު، އާންމުންގެ މެދުގައި އޮތް މާޔޫސްކަން އޭނާގެ ބަސްތަކުން ހާމަވިއެވެ.

ހަމައެއާއެކު، ހުޅަނގު އައްސޭރިއާއި، ގުދުސްއާއި، 1948 ގެ ބިންތަކުގެ އިތުރުން ލުބުނާން، އިރާގު، ޔަމަން، އީރާން އަދި އެހެނިހެން ފްރަންޓްތަކުގައި މި ކުރިމަތިލުމުގައި ބައިވެރިވި މުޖާހިދުންނަށް އޭނާ އަބަދުވެސް ތައުރީފު ކުރެއްވިއެވެ.

އޭނާ ބާރުއެޅުއްވީ މުގާވަމާގެ ޖަމާޢަތްތަކުގެ މެދުގައި އޮތް އެއްބައިވަންތަކަމަށެވެ. އަދި ފަލަސްތީނާ އެކު ސާބިތުވެ ތިބެ އަމަލީ ގޮތުން މަސައްކަތްކުރި ބައިނަލްއަގުވާމީ އެހީތެރިންގެ އަގު ވަޒަންކުރެއްވިއެވެ.އަމިއްލަ ނަފްސަށް ލިބުނު ގެއްލުންތަކާއި، އާއިލާގެ މެންބަރުން ޝަހީދުކޮށްލުމާ އެކުވެސް، އަބޫ އުބައިދާ ގެންދެވީ ފާޅުކަން ބޮޑު ގޮތެއްގައި އިސްރާއީލަށް ގޮންޖައްސަވަމުންނެވެ.

އޭނާ ވައުދުވެވަޑައިގަތީ ހަނގުރާމައިގައި ސާބިތުވެ ހުންނެވުމަށެވެ. އަދި މި ޖިހާދަކީ ދިފާއުވުމާއި، ގުރުބާނީވުމާއި، އަދި މިނިވަންކަމަށްޓަކައި ކުރެވޭ މަސައްކަތެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. 

ފަލަސްތީނުގެ ހަނދާންތަކުގައި އޭނާއަކީ އަދިވެސް އެންމެންގެ ރަމްޒެކެވެ. ޚާއްޞަކޮށް "އަލް އަގްސާ ފްލަޑް" އޮޕަރޭޝަނުގެ ތެރޭގައި އޭނާ ދެއްވި ތަޤުރީރުތަކުގައި ބޭނުންކުރެއްވި ބަސްމަގު، މީސްތަކުންގެ ހިތްތަކުގައި އަދިވެސް ގުގުމަމުންދެއެވެ. މިއީ ޣައްޒާގެ އެންމެ ވަރުގަދަ އެއް ރަމްޒީ އަޑުގެ ގޮތުގައި އޭނާގެ މަޤާމު ކަށަވަރުކޮށްދިން ކަމެކެވެ.