އިސްރާއީލުން ދެ އަހަރަށްވުރެ ގިނަ ދުވަސްވަންދެން ދެމުންގެންދާ ހަމަލާތަކުގައި ގާޒާގެ ބޮޑު ބައެއް ސުންނާފަތިވެފައިވާއިރު، ފިނި މޫސުމުގެ ބާރުގަދަ ވާރޭގެ ސަބަބުން ފޭލިގެތަކުގައި ދިރިއުޅެމުންދާ އެތައް ހާސް ފަލަސްތީނު ރައްޔިތުންނެއް ބޮޑު ތަކުލީފެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.
މީޓިއޮރޮލޮޖިސްޓް ލައިތު އަލް-އައްލާމީ އާދިއްތަ ދުވަހު އަނަޑޯލޫ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވި ގޮތުގައި، ހޮނިހިރު ދުވަހުން ފެށިގެން ގާޒާއަށް ކުރިމަތިވެފައިވަނީ މި ފިނި މޫސުމުގެ ތިންވަނަ ޕޯލާ ލޯ-ޕްރެޝަރު ސިސްޓަމެވެ. އަދި އަންނަ ހޯމަ ދުވަހުން ފެށިގެން ހަތަރުވަނަ ސިސްޓަމެއް ކުރިމަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ސަބަބުން ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި، ފިނިހޫނުމިން އިންތިހާއަށް ދަށްވާނެ ކަމަށް ބެލެވެއެވެ.

ގާޒާ ސިޓީގައި ދިރިއުޅޭ މުހައްމަދު މަސްލާހު އަލްޖަޒީރާއަށް ކިޔައިދިން ގޮތުގައި، އޭނާގެ ގެދޮރު އިސްރާއީލުގެ ބާރުގެ ދަށުގައި އޮތުމުން، ގާޒާ ބަނދަރު ސަރަހައްދުގައި ހުރި ބަލިކަށި ފޭލިގެއެއްގައި އުޅުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ. "އަހަރެމެން މިތިބީ މަޖުބޫރުވެގެން. މަދު ގަޑިއިރެއްގެ ވާރޭގެ ސަބަބުން މުޅި މީހާ ތެމި ފޯވެއްޖެ،" އޭނާ ބުންޏެވެ. ހަމައެފަދައިން، ޖަބަލިއްޔާއިން ހިޖުރަކުރި ޝައިމާ ވަދީ ބުނި ގޮތުގައި، ދެ އަހަރު ވަންދެން ފޭލިގެއެއްގައި އުޅެމުންދާއިރު، ކޮންމެ ފަހަރަކު ވާރޭވެހުމުން ފޭލިގެ ވެއްޓުމުން އައު ލަކުޑިކޮޅުތަކެއް ޖަހައިގެން އެ މަރާމާތު ކުރަން ޖެހެއެވެ.
ގާޒާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ޑިސެމްބަރު މަހުގެ ތެރޭގައި ފިނިގަދަވުމުގެ ސަބަބުން (ހައިޕޯތާމިއާ) މަދުވެގެން 15 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ތިން ތުއްތު ކުދިންވެސް ހިމެނެއެވެ. ގިނަ އިމާރާތްތަކެއް ހަލާކުވެފައިވުމުން، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފޭލިގެތަކާއި ވަގުތީ ހިޔާވަހިތަކުގައި ވަނީ ފެންބޮޑުވެފައެވެ.

ސިވިލް ޑިފެންސްގެ އޮޕަރޭޝަންސް ހެޑް އިބްރާހިމް އަބޫ އަލް-ރީޝް ވިދާޅުވީ، ފޭލިގެތަކަށް ފެން ވަދެ ހަލާކުވުމާ ގުޅިގެން ގިނަ އަދަދެއްގެ އެހީގެ ކޯލުތައް ލިބެމުންދާ ކަމަށެވެ. އެ ޓީމުތަކުން ދަނީ ޕްލާސްޓިކް ކަވަރުތައް ބޭނުންކޮށްގެން ފޭލިގެތައް ނިވާކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެހީދޭ ޖަމިއްޔާތަކުން ދަނީ އިތުރު ހިޔާވަހިކަމާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލަށް ގޮވާލަމުންނެވެ.
އަލްޖަޒީރާގެ ރިޕޯޓަރު އިބްރާހިމް އަލް ޚަލީލީ ފާހަގަކުރި ގޮތުގައި، ކޮންމެ ފަހަރަކު ވާރޭވެހުމުން މުޅި ސަރަހައްދުގައި ކަޅު ކުލައިގެ ކާނު ފެނާއި މަޑު ފެތުރި، ފަލަސްތީނު ރައްޔިތުންގެ ކެކުޅުންތައް ދަނީ އިތުރުވަމުންނެވެ. ރައްކާތެރި ހިޔާވަހިކަމެއް ނެތް އެތައް ހާސް ބަޔަކަށް މި ފިނި މޫސުމަކީ އިތުރު ބިރުވެރިކަމެކެވެ.