ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އަލަށް އުފެއްދި އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) ގެ ދަށުން އެ ސަރަހައްދަށް ސިފައިން ފޮނުވުމަށް އިންޑޮނޭޝިއާ، މޮރޮކޯ، ކަޒަކިސްތާން، ކޮސޯވޯ އަދި އަލްބޭނިއާއިން އެއްބަސްވެއްޖެއެވެ. މިކަން ހާމަކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގެ ބައްދަލުވުމެއްގައި އެ ފޯސްގެ ކޮމާންޑަރު ޖެނެރަލް ޖެސްޕާ ޖެފާސްއެވެ.
ވޮޝިންގްޓަން ޑީސީގައި ބޭއްވި މި ބައްދަލުވުމުގައި ޖެނެރަލް ޖެފާސް ވިދާޅުވީ، ޣައްޒާގައި ގާއިމުކުރާ މި ފޯސްގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމަށް އިންޑޮނޭޝިއާއިން އެއްބަސްވެފައިވާ ކަމަށެވެ. އަދި މި ފިޔަވަޅުތަކާއެކު ޣައްޒާއަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވިދާޅުވީ، ޣައްޒާގައި ސުލްހަ ގާއިމުކުރުމަށްޓަކައި އެ ގައުމުން 8،000 އާ ހަމައަށް ސިފައިން ފޮނުވުމަށް ތައްޔާރަށް އޮތް ކަމަށެވެ. އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 72،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ޣައްޒާއަށް ސިފައިން ފޮނުވުމުގައި އިންޑޮނޭޝިއާގެ މައިގަނޑު އަމާޒަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި މަދަނީން ރައްކާތެރިކުރުން ކަމަށް އެ ގައުމުން ބުނެއެވެ.
މީގެ އިތުރުން، ކަޒަކިސްތާނުން މެޑިކަލް ޔުނިޓްތަކާއެކު ސިފައިން ފޮނުވުމަށް ނިންމާފައިވާއިރު، މޮރޮކޯއިން ވަނީ ފުލުހުން ފޮނުވުމަށް އެއްބަސްވެފައެވެ. އަލްބޭނިއާއިން ވެސް ސިފައިން ފޮނުވުމަށް ނިންމާފައިވާއިރު، މިސްރާއި އުރުދުންއިން އެއްބަސްވެފައިވަނީ ފުލުހުން ތަމްރީނުކޮށްދިނުމުގައި އެހީތެރިވުމަށެވެ.
އިންޑޮނޭޝިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގެ ސިފައިން އެއްވެސް ހަނގުރާމަވެރި އޮޕަރޭޝަނެއްގައި ބައިވެރިނުވާނެ ކަމަށެވެ. "އިންޑޮނޭޝިއާގެ ސިފައިން ހަރަކާތްތެރިވާނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އިމާރާތްތައް އަލުން ބިނާކުރުމާއި، ފަލަސްތީނުގެ ފުލުހުންގެ ގާބިލްކަން އިތުރުކުރުމަށް ތަމްރީނު ދިނުމުގައި،" ކަމަށް އެ ބަޔާނުގައިވެއެވެ.
ނަމަވެސް، އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ވަނީ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްނެސްޓީ އިންޑޮނޭޝިއާގެ އިސްވެރިޔާ އުސްމާން ހާމިދު ވިދާޅުވީ، މި ފޯސްގައި ބައިވެރިވުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު އަމަލުތަކެއްގައި ބައިވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.