ރައީސް މުއިއްޒު އާއި އޮނަރަބްލް ގާސިމް އިބްރާހިމް - - ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ނޫނީ ގައުމީ ތަރައްގީއަށް މަސައްކަތްކުރާ ރައީސަކު ނެތް: ގާސިމް

އާއިޝަތު އަނާ ރަޝީދު
 
15 ގަޑިއިރު ކުރިން

މިހާތަނަށް ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ވަރަށް ޤައުމީ ތަރައްޤީގެ މަސައްކަތްތައް ކޮށްފައި ނުވާކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ފާހަގަކުރައްވައިފިއެވެ.

ރައީސް މުއިއްޒު އދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ފެންފުށްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ގާސިމް ވިދާޅުވީ 2008 ގައި އާ ޤާނޫނުއަސާސީ ތަންފީޒުކުރަން ފެށުނު ފަހުން، މިހާރުގެ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް، އެއްވެސް ވެރިއަކު މިހާ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައި ނުވާ ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ، މިއީ ހުޝާމަދެއް ނޫން ކަމަށާއި، އެއީ އޭނާގެ ހިތުގައި އޮތް ތެދު ޝުޢޫރު ކަމަށެވެ. އަދި ޤައުމުގެ ތަރައްޤީއަށް އޭނާވެސް ގިނަގުނަ ޤުރުބާނީތަކެއް ވެފައިވާ ކަމަށާއި، މިހާރުވެސް އެކަން ކުރިއަށް ގެންދަވަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެ މިއަދު ހާސިލުކޮށްފައިވާ ތަރައްޤީއާ ހަމައަށް އާދެވުނު މަގުގައި ކުރަންޖެހުނު މަސައްކަތްތަކަކީ ދިގުކޮށް ދެއްކިދާނެ ވާހަކަތަކެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.