އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، އައު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.
މި މަޝްރޫޢަކީ "ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ" މަޝްރޫޢެވެ.
ރާއްޖޭގައި މިވަގުތު ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށާއި، އަތްފޯރާފަށުގައި ގެދޮރު ލިބޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް އަމާޒުކޮށްގެން މި މަޝްރޫޢު ރޭވިފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން އެކި ފިޔަވަހިތަކެއް ހިމެނެއެވެ. މީގެ ތެރޭގައި އިމާރާތްކުރާ ފަރާތްތަކަށް ޚާއްސަ އިނާޔަތްތަކެއް ދިނުމާއި، އަތްފޯރާފަށުގެ ގެދޮރު އިމާރާތްކުރުމުގެ ފުރުސަތު ހުޅުވާލުން ހިމެނެއެވެ. އަދި މި ގެތައް ގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި ލޯނު ލިބޭނެ ޚާއްސަ މޯގޭޖް ސްކީމެއް ތަޢާރަފުކުރުމާއި، ކުއްޔަށް ދިރިއުޅެމުން ގެ މިލްކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ނިންމާފައެވެ. މީގެއިތުރުން، ސަރުކާރުން ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތަކަށް ދޫކުރުމަށް ބައެއް ޔުނިޓުތައް ގަތުމަށްވެސް ވަނީ ނިންމާފައެވެ.
މި މަޝްރޫޢު ހިންގުމަށް ބޭނުންވާ ޤާނޫނީ ބާރު ހޯދުމަށްޓަކައި، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް އިތުރު ބަދަލުތަކެއް ގެނައުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.