ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ ފްލެޓް ޓަވަރުތަކަށް އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތުގެ 66% ނިމިއްޖެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފި އެވެ. މި މަޝްރޫޢުގެ ދަށުން ހުރިހާ ޓަވަރުތަކުގައިވެސް މަސައްކަތް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށްކަމަށާއި، އެންމެ އަވަހަށް ޚިދުމަތް ދޭން ފަށާނީ ޓަވަރު ތިނެއް އަދި ހަތަރެއްގައި ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިޔާ ފްލެޓްގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަރަށް މުހިންމު ވަޢުދެކެވެ. އެގޮތުން ހިޔާގެ ކޮންމެ ޓަވަރަކަށް ދެ ލިފްޓް އިތުރުކޮށްދެއްވުމަކީ ރައީސް މުޢިއްޒުގެ ވަޢުދެކެވެ. މިހާރު ހިޔާގެ ފްލެޓްތަކުގައި ހުންނަނީ ތިނެއް ނުވަތަ ހަތަރު ލިފްޓެވެ. ޖުމްލަ 16 ޓަވަރުގައި އިތުރަށް 32 ލިފްޓް ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
އެޗްޑީސީން ދިން މަޢުލޫމާތަށް ބަލާއިރު، ހިޔާ ޓަވަރުގައި އިތުރު ލިފްޓް ހަރުކުރުމުގެ މުޅި މަޝްރޫޢުގައި ޓަވަރުތަކުގެ ލިފްޓް ސްޓްރަކްޗަރގެ މަސައްކަތްތަކުގެ %43 ނިމިފައިވާއިރު، ލިފްޓް އިންސްޓޯލްކުރުމުގެ %38 މަސައްކަތް ވަނީ ނިންމާފައެވެ.