ދެ މެޗުގެ ޖުމްލަ ނަތީޖާއިން ސްރީ ލަންކާއަށްވުރެ މޮޅުވެ، އެ ގައުމުން އިންތިޒާމުކުރި ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ދިވެހިރާއްޖެއިން ހޯދައިފިއެވެ.
ސްރީ ލަންކާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ރާވާފައިވަނީ ހަތަރު ގައުމަކުން ބައިވެރިވާ ކުރު މުބާރާތެއް ބޭއްވުމަށެވެ. ނަމަވެސް ގިނަ ގައުމުތަކުން ބައިވެރިނުވާން ނިންމުމާއެކު، ރާއްޖެއާ ދެކޮޅަށް ދެ މެޗު ކުޅެ، މޮޅުވާ ޓީމަކަށް ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި ދިނުމަށް ނިންމިއެވެ.
މިއަދުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެފައެވެ. ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ 3-0 އިން މޮޅުވެފައެވެ. މިގޮތުން ދެ މެޗުގެ ޖުމްލަ ނަތީޖާއިން ރާއްޖެ ވަނީ 4-1 އިން މޮޅުވެފައެވެ. މެޗުގައި ދެ ޓީމަށްވެސް ގިނަ ފުރުސަތުތަކެއް ލިބުނެވެ. ޚާއްސަކޮށް ލަންކާގެ ވަސީމް ރަޒީކަށް ލިބުނު ފުރުސަތުތަކުގައި ގޯލެއް ޖެހިފައިނުވެއެވެ.
ދެވަނަ ހާފުގައި ރިޒުވާންގެ ބަދަލުގައި ސަމޫހް ނެރުމާއެކު ރާއްޖޭގެ ޑިފެންސް ވަރުގަދަވެ، ހަމްޒާ މުހައްމަދު ކުރިއަށް ޖެހުމުން އެޓޭކިންގ ވެސް ފުރިހަމަވިއެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ ކައުންޓަރ އެޓޭކެއްގައި ސެންޓޭ ނަގައިދިން ބޯޅައަކަށް ފޭދޫ އިއްބެ ބޮލުން ޖެހި ބޯޅަ، ގޯލުގެ ހުރަސް ދަނޑީގައި ޖެހި ބޯޅަ ރީބައުންސްވުމުން ގޯލް ކުރިމަތީގައި ހުރި ނާއިޒު ހުސައިން (ދާދު) ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.