ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ އެލޮވެންސް މަތިކޮށްފި

އާއިޝަތު އަނާ ރަޝީދު
 
1 މަސް ކުރިން

ފުރަތަމަ ފަހަރަށް ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ އެލަވަންސް އެއްވަރަކަށް ގެނެސް، 7،000 ރުފިޔާއަށް މަތިކޮށްފިއެވެ. 

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ ވައުދެއް ފުއްދުމުގެ ގޮތުން އަޅުއްވާފައިވާ ފިޔަވަޅެކެވެ.

މީގެ ކުރިން އެތުލީޓުންނަށް މަހަކު 5،000 ރުފިޔާ އަދި އޮފިޝަލުންނަށް 2،500 ރުފިޔާ ދެމުން އައި ނަމަވެސް، މިހާރު ދެ ފަރާތަށްވެސް 7،000 ރުފިޔާ ލިބޭގޮތަށް ހަމަޖެހިފައިވެއެވެ. މި ބަދަލު ގެނެސްފައިވަނީ މެއި މަހުން ފެށިގެންނެވެ.

މެއި މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ކުރީގެ ރޭޓުން ޖަމާކޮށްފައިވާ އިނާޔަތުގެ ތަފާތު، އެތުލީޓުންނަށް މަހަކަށް 2،000 ރުފިޔާ އަދި އޮފިޝަލުންނަށް 4،500 ރުފިޔާގެ ގޮތުގައި އިތުރަށް ޖަމާކުރެވޭނެއެވެ. މި އަދަދުތައް ޖަމާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

މި މަހުގެ ކުރީކޮޅު ރައީސް މުއިއްޒު ވަނީ ގައުމީ ފުޓްބޯޅަ ޓީމާއެކު ބޭއްވި ހަވީރު ސައިފޮދެއްގައި، އިނާޔަތްތައް އަވަހަށް ބޮޑުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އައު އިނާޔަތުގެ ފުރިހަމަ އަދަދު ޖަމާކުރަން ފަށާނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ތައްޔާރުކުރެވޭ މުސާރަ ޝީޓުން ފެށިގެންނެވެ.