މެންބަރު އަބްދުއްރަހްމާން މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެއްލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއް އެއްފަރާތަކަށް ދޫކޮށްފައިވަނީ އެތައް ބައެއްގެ ހައްގު އުނިވާގޮތަށް ކަމަށެވެ. އަދި މި މައްސަލަ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީއަކަށް ހުށަހަޅައިގެން ބެލުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ބިންތައް ދޫކޮށްފައިވަނީ 'ސަންވިލް ޕްރައިވެޓް ލިމިޓެޑް' އަށެވެ. އެގޮތުން މީދޫ ޓުއަރިޒަމް ޒޯނުން 17,500 އަކަފޫޓުގެ ތިން ބިން (ޕްލޮޓް ނަންބަރު B1, C5, C4) އާއި އިތުރު 47,083 އަކަފޫޓުގެ ބިމެއް އެ ކުންފުންޏަށް ދީފައިވާ ކަމަށް މެންބަރު އަބްދުއްރަހްމާން ފާހަގަކުރެއްވިއެވެ. މިއާއެކު އެ ކުންފުންޏަށް ދޫކޮށްފައިވާ ޖުމްލަ ބިމުގެ ސައިޒަކީ 64,583 އަކަފޫޓެވެ.
މެންބަރު އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި މި ބިންތައް ދޫކޮށްފައިވަނީ ރައްޔިތުންނާއި ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރުމެއް ނެތި، އަދި ބިޑް ކުރުމަކާވެސް ނުލައެވެ. މި ބިންތައް ކުންފުންޏަށް ދިނުމަށް ކައުންސިލުން ފާސްކޮށްފައިވަނީ ފެބްރުއަރީ 27 ގައި ބޭއްވި އެ ކައުންސިލްގެ ޓޫރިޒަމް ކޮމިޓީގެ 46 ވަނަ ބައްދަލުވުމުގައެވެ.
އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އައްޑޫގެ އެހެން ޓުއަރިޒަމް ޒޯންތަކުން ވެސް ގަވާއިދާ ޚިލާފަށް ބިންތައް ކުއްޔަށް ދެމުންދާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް މެންބަރު އަބްދުއްރަހްމާން ފާހަގަކުރެއްވިއެވެ. މި މައްސަލަ ވީ އެންމެ އަވަހަކަށް ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންފައިވެއެވެ.