ރައްޔިތުންގެ މަޖިލިސް - -

ފެނަކަ ކޮރަޕްޝަން މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް ގޮވާލާ ގަރާރެއް އެޖެންޑާކޮށްފި

އާއިޝަތު އަނާ ރަޝީދު
 
6 ދުވަސް ކުރިން

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަނުން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރި ގޮތް ބަލައި، އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައި ފާހަގަކޮށްފައިވާ ކޮރަޕްޝަން އަމަލުތަކުގެ ތަހުގީގު އަވަސްކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރެއް މާދަމާ އަށް އެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ބާއްްވަން އެ ޖަލްސާގެ އެޖެންޑާ މިހާރު ވަނީ އާއްމުކޮށްފަ އެވެ. އެ އެޖެންޑާގައިވާ ގޮތުން، ފެނަކައިގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަަތައް ތަހުގީގުކޮށް ފިޔަވަޅު އަޅަން ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒެވެ.

ފެނަކައިގެ 2021 އިން 2023 އަށް ހިންގި މުއާމަލާތްތަކާ ބެހޭ އޮޑިޓުގައި ވަނީ އެ ކުންފުނިން ހިންގާފައިވާ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިކޮށްފަ އެވެ.

އޭގެ ތެރޭގައި މާލީ ހާލަތަށް ނުބަލައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމާއި ބިޑަކާ ނުލާ 1.3 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހިންގަން ހަވާލުކުރުމާއި ސައީދުގެ އާއިލާގެ ކުންފުނިތަކަށް މަސައްކަތް ހަވާލުކޮށް 31 މިލިއަން ރުފިޔާ ދޫކޮށްފައިވުން ހިމެނެ އެވެ. މީގެ އިތުރުން ފެނަކަ މުވައްޒަފުންގެ އަތަށް ޕެޓީ ކޭޝްގެ ގޮތުގައި 26 މިލިއަން ރުފިޔާ ދިނުމާއި އޮފީސް އިމާރާތް އެޅުމަށް މާކެޓު އަގަށް ވުރެ 767 މިލިއަން ހޭދަކުރުމާއި ދަތުރުފަތުރުކުރަން މާކެޓު ރޭޓަށް ވުރެ 48 މިލިއަން އިތުރަށް ހޭދަކުރުން ހިމެނެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ސައީދު ހުންނަވައިގެން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2021 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަމާލުކަމަށް ގެނަ އެވެ.

އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެކަމަކު، އޭރުގެ ވެރިކަން ނިމުނުއިރު، އެ ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ.

މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހަތަރު މެންބަރުން އައްޔަން ކުރަން ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ނަންތައް ދިރާސާކުރުމާއި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން އައްޔަންކުރުމުގެ މައްސަލަ ވެސް ހިމެނެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރަން ރައީސް ފޮނުއްވި ނަންތައް މަޖިލީހަށް ހުށަހެޅުން ވެސް މާދަމާގެ ޖަލްސާގައި އޮންނާނެ އެވެ. ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަޅުއްވާފައިވާ ބިލެއްގެ ފުރަތަމަ ކިއުން އިއްވުން ވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.