ފެނަކަ ކޯޕަރޭޝަނުން ބައެއް އަތޮޅުތަކުގައި ފޯރުކޮށްދެމުންދިޔަ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ދެ ކުންފުނީގެ ދެމެދުގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯއިން އާންމުކުރި ބަޔާނެއްގައިވާ ގޮތުން، ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ހިމެނޭ ރަށްތަކުގެ ހުރިހާ ޔޫޓިލިޓީ ޚިދުމަތްތަކެއް އެ ކުންފުންޏަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
މި ނިންމުމަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ތަރައްގީކުރުމަށް ސަރުކާރުން ގެންނަ ހެޔޮ ބަދަލެއް ކަމަށް ސްޓެލްކޯއިން ފާހަގަކުރެއެވެ. މި ބަދަލާއެކު، ފެނަކައިން މިހާރު ޚިދުމަތް ދެމުންދާ ބ. އަތޮޅާއި، ޅ. އަތޮޅުގެ އިތުރުން މ. އަތޮޅުގެ ޖުމްލަ 25 ރަށެއްގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުވާނެއެވެ.
މި އިތުރުވުމާއެކު ސްޓެލްކޯއިން ޚިދުމަތްދޭ ރަށްތަކުގެ އަދަދު 61 އަށް އަރާނެއެވެ. އެގޮތުން މާލެ ސަރަހައްދާއި، ކ، އއ، އދ، އަދި ވ. އަތޮޅުގެ އިތުރުން އަލަށް ބ، ޅ، އަދި މ. އަތޮޅަށް އެ ކުންފުނީގެ ޚިދުމަތްތައް ފުޅާވެގެންދާނެއެވެ.
ސަރުކާރުގެ ޕްލޭނަކީ ރާއްޖޭގެ އުތުރާއި ދެކުނުގެ 131 ރަށެއްގެ ޔޫޓިލިޓީ ޚިދުމަތްތައް ފެނަކައިގެ ދަށުގައި ދެމެހެއްޓުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.