ފެނަކައިގެ އައްޑޫގެ ކުރީގެ ވެރިންނަށް ޖިނާއީ ތަހުގީގެއް ހިންގަން ފާސްކޮށްފި

މުހައްމަދު ހަމީޒް
 
10 ގަޑިއިރު ކުރިން

ފެނަކަ އައްޑޫ ބްރާންޗްގެ ކުރީގެ ވެރިންނަށް ޖިނާއީ ތަހުހީގެއް ހިންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 53 މެންބަރުންގެ އިއްތިފާގުންނެވެ.

މިއީ ފެނަކައިގެ އައްޑޫ ބްރާންޗްތަކާއި ޕްރޮޖެކްޓްތަކުގެ 2023-2021) ގެ އޮޑިޓް ރިޕޯޓްގައިވާ ކަންތައްތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅި ރިޕޯޓެކެވެ.

އެ ރިޕޯޓްގައި ވަނީ ފެނަކައިގެ ޕްރޮޖެޓްޓުތަކުގެ މަސައްކަތް އިންހައުސްކޮށް ކުރިއަށް ގެންދިއުމުގެ ކުރިން ކުންފުންޏަށް އެންމެ ފައިދާ ވާނެ ގޮތަކީ ކޮބައިކަން ނުބަލައި ކުންފުންޏަށް ގެއްލުންވާ ގޮތަށް ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންވެ އެކަންތައް ކުރިއަށް ގެންދިޔަ އިރު، ނިންމުންތައް ނިންމުމުގައި އޭރު އޮތް އޮތް ފެނަކަ ކޯޕަރޭޝަންގެ ބޯޑް އޮފް ޑިރެކްޓަރުންނާއި އިސްވެރިން، އެކަމުގައި ޒިންމާ ކުރުވުމަށް ވެސް ކޮމިޓީ ރިޕޯޓްގައި ހިމަނާފައިވެ އެވެ.

ކޮމިޓީ ރިޕޯޓްގައި ވަނީ އެކަންތައްތަކާއި ކުންފުނީގެ ފައިސާއަށް ހިޔާނާތްތެރި ވުމުގައި ޝާމިލްވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށްޓަކައި، އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށާއި އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް ފެނަކައަށް އަންގަން ހިމަނައިފަ އެވެ.

އަދި މައްސަލަތައް ނިމެންދެން، މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު މަހަކު އެއްފަހަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން ޖެހޭނެ ކަމަށް އަންގަން ވެސް ރިޕޯޓްގައި ވެއެވެ.