އައްޑޫ ސިޓީގެ ކުރިއަށް އޮތް 5 އަހަރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ޚިޔާލު ހޯދަން ބައްދަލުވުންތަކެއް ބާއްވަން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ ފޯކަސް ގްރޫޕްތަކަށް ހާއްސަކޮށްގެން ބާއްވާ ބައްދަލުވުންތައް މާދަމާ އޮންނާނެ ކަމަށެވެ. އެގޮތުން ބައްދަލުވުންތައް ބާއްވަނީ މައިގަނޑު 7 ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޔުޓިލިޓީސް ހިދުމަތްތައް، މަސްވެރިކަމާއި ދަނޑުވެރިކަން، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ޓޫރިޒަމް ދާއިރާ، އިޖުތިމާއި ދާއިރާ އަދި ދަތުރުފަތުރެވެ.
އެހެންވެ މި ދާއިރާތަކުގެ މީހުންނަށް ހާއްސަކޮށްގެން ބާއްވާ ބައްދަލުވުންތައް މާދަމާގެ އެކި ގަޑިތަކަށް ތާވަލުކޮށް، ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާން ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.
ބައްދަލުވުންތައް ބާއްވާނީ ހިތަދޫގައި ހުންނަ ސިޓީ ކައުންސިލް އިދާރާގަ ހޯލުގަ އެވެ
އައްޑޫ ސިޓީ ކައުންސިލް މިހާރު އެކުލެވިގެން ވަނީ ހަތަރު އަވަށެއް ހިމެނޭ ގޮތަށެވެ. އެއީ ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދު އެވެ.