ހައްޖު ކޯޕަރޭޝަނުންވެސް ސީދާ އައްޑޫއިން އުމްރާ ދަތުރުތައް ފަށަނީ

މުހައްމަދު ހަމީޒް
 
6 ގަޑިއިރު ކުރިން

ކުރިއަށް އޮތް ރަމަޟާން މަހު އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް، އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް ދަތުރުތައް ފެށުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސީދާ އައްޑޫން އުމްރާއަށް މީހުން ގެންދަން ފެށީ، އުމްރާއަށް މީހުން ގެންދާ އަމިއްލަ ކުންފުންޏެއް ކަމަށްވާ 'ޓްރެވަލާސް މޯލްޑިވްސް' އާއި ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ސަރުކާރުގެ މައި ހައްޖު ކުންފުނިން މި ދަތުރުތައް ފަށަން ނިންމީ، ދެކުނުގެ ރައްޔިތުން މާލެ ދަތުރުކުރަން ނުޖެހި ލުއިފަސޭހަކަމާއެކު އުމްރާގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ. މި ދަތުރުތައް އިންތިޒާމުކުރުމުގެ ފުރުސަތު ފަހިވެފައިވަނީ ގައުމީ އެއާލައިނުން ވައިޑް-ބޮޑީ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ފެށުމާ ގުޅިގެންނެވެ.

ރޯދަ މަހުގެ ފަހު 15 އަށް ހާއްސަކޮށްގެން ބާއްވާ މި ފްލައިޓުގެ ދަތުރު އޮންނާނީ އަންނަ އަހަރުގެ ފެބުރުއަރީ 20 ވަނަ ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ޖިއްދާ އަށެވެ. ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު:

ރަމަޟާން މަހުގެ ފަހު ފަނަރައިގެ އުމްރާ ޕެކޭޖު: 48،965 ރުފިޔާ

މުޅި ރަމަޟާން މަހުގެ އުމްރާ ޕެކޭޖު: 54،965 ރުފިޔާ

ހައްޖު ކޯޕަރޭޝަނުން ބުނީ މިއީ ދެކުނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އުމްރާގެ ދަތުރުތައް ފަހިކޮށްދިނުމަށް ނިންމި މުހިންމު ނިންމުމެއް ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ރޯދަ މަހުގެ އިތުރުން ކޮންމެ އަހަރެއްގެ ޖުލައި މަހާއި ޑިސެމްބަރު މަހުވެސް އައްޑޫން ސީދާ އުމްރާ ދަތުރުތައް ބޭއްވުން ކަމަށް އެ ކުންފުނިން ހާމަކުރެ އެވެ.

ރޯދަ އުމްރާގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ހައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" މެދުވެރިކޮށް އަދި އެ ކޯޕަރޭޝަންގެ ވެބްސައިޓުން މިހާރު ޖާގަ ކަށަވަރުކުރެވޭނެ އެވެ.

މި އުމްރާ ދަތުރުތަކުގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ކްލިނިކާއި ފާމަސީގެ ހިދުމަތް، ހިލޭ ވެކްސިން ޖަހައިދިނުން، މަދީނާއަށް ދަތުރުކުރުމަށް ހައިސްޕީޑް ރޭލުގެ ހިދުމަތް އަދި މަދީނާގައި 3 ރޭ ހޭދަކުރުން ހިމެނެ އެވެ. މީގެ އިތުރުން ދިވެހި ކެއުމާއި، ލޯންޑްރީ އަދި އިސްތިރިކުރުމުގެ ހިދުމަތް، ދީނީ އިލްމުވެރިންގެ ދަރުސްތަކާއި އަޅުކަމުގެ އިރުޝާދު، އުމްރާ ކިޓް، ބަގީގެ ހިދުމަތް އަދި ލޮކޭޝަން ޓްރެކިން ޑިވައިސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ހައްޖު ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި، އެ ކޯޕަރޭޝަނުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ހައްޖުވެރިންނާއި އުމްރާވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއިފަސޭހަ އަދި އޮމާން މާހައުލެއް ގާއިމުކޮށްދިނުމަށެވެ.