ސ. ފޭދޫގެ 9 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މުހައްމަދު ހަމީޒް
 
16 ގަޑިއިރު ކުރިން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ސ. ފޭދޫގެ ނުވަ ގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން ބުނީ މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށެވެ. 

އެގޮތުން މިއަދުގެ މިހާތަނަށް ސ. ފޭދޫގައި ފެންބޮޑުވެ، ނުވަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާކަމަށް ރިޕޯޓުކޮށްފައިވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ. މި ހާދިސާއާ ގުޅިގެން، ކައްކައި ކައިބޮއި ހެދުމަށް ދަތިވެފައިވާ ތިން ގެއަކަށް ތިން ދުވަހުގެ މުއްދަތަށް ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދެވިފައިވާއިރު، ދިރިނޫޅެވޭވަރަށް ފެންބޮޑުވުމާއި ގުޅިގެން އެއް ގޭގައި ދިރިއުޅޭ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ހިދުމަތް ތިން ދުވަހުގެ މުއްދަތަށް އެންޑީއެމްއޭއިން ވަނީ ފޯރުކޮށްދީފައެވެ.

މީގެއިތުރުން ޏ. ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ ފާހާނާ ހޮޅިތައް ބެދިގެން ރިޕޯޓުކުރަމުން އަންނަކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ. މިކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެރަށު ފެނަކައާއި ކައުންސިލް އަދި މުއައްސަސާތައް ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.

މިހާރު ކުރަމުންދާ ވިއްސާރަ ބުދަ ދުވަހާއި ހަމައަށް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. އަދި މޫސުން އަލިވާނީ ފަށާނީ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް އެ އިދާރާއިން ލަފާކުރެއެވެ. ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ. އެހެންކަމުން އެންމެހައި ރައްޔިތުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.