އައްޑޫ ސިޓީގެ ހަންކެޑެ މަޝްރޫއު ތަރައްގީ ނުކުރެވިގެން ސަރުކާރަށް އުޅޭއިރު، ސ. ފޭދޫ ކައިރީގައި އޮތް ސަވާހެލި ސަރުކާރަށް ނަގައިގެން އެތަން ތަރައްގީ ނުކުރެވޭނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާރު ވިދާޅުވީ ސަވާހެލިއަކީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން ތަރައްގީ ކުރެވޭނެ ތަނެއް ކަމަށާއި ސަރުކާރަށް ހަންކެޑެ ތަރައްގީކުރާނެ ބަޔަކު ނުހޯދިގެން އުޅޭއިރު ސަވާހެލި ތަރައްގީ ކުރާނެ ބަޔަކުވެސް ނުވާނެކަން އެއީ ޔަގީން ކަމެއް ކަމަށެވެ.
"ސަވާހެލި ތަރައްގީ ނުކުރެވޭނެ ސަރުކާރަށް. އެއީ ޔަގީންކަމެއް އަޅުގަނޑުމެންނަށް. އެހެން އެކަންވާނަމަ ހަންކެޑެ ތަރައްގީކުރެވިގެން އަންނާނެ. ދެންވެސް އެހެން ތަރައްގީގެ މަޝްރޫއު އައްޑޫގައި ހިނގާނެ. ސަވާހެލިގެ ވާހަކަ ދެކެވޭއިރު އެއީ ގާމަތީ ކުޑަކުޑަ ރަށެއް. ފިނޮޅެއް އެއީ،" ނިޒާރު ވިދާޅުވި އެވެ.
"އެއީ ހަރަދުކުރަންޏާ ބަޔަކު ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން ތަރައްގީ ނުވެސް ކުރެވޭނެ ތަނެއް އެތަނަކީ. އެހާ ބޮޑު ގޮންޖެހުން އެބަ އޮތް. އެހެންނަމަވެސް ހަންކެޑަށް ބަލަންޏާ ރީތި ރަށެއް އެއީ. އެތަން ތަރައްގީކުރާނެ ބަޔަކު ނުވެގެން އުޅޭއިރު ސަވާހެލި ތަރައްގީކުރާނެ ބަޔަކު އަޅުގަނޑުމެންނަށް ހޯދޭނީ."
ނިޒާރު ވިދާޅުވީ ސަރުކާރަށް ސަވާހެލި ނަގަން މުއިއްޒުއަށް ބަޔަކު ލަފާ އެރުވި ނަމަ އެއީ ގޯސް ލަފައެއްކަން ސޯޝަލް މީޑިއާގައި އައްޑޫ ރައްޔިތުން ފާޅުކުރާ ހިޔާލުން އެނގޭނެ ކަމަށާއި އެކަމަށް ތާއީދުކޮށް ވާހަކަ ދައްކަނީ ސަރުކާރަށް ތާއީދުކުރާ މީހުން އެކަނި ކަމަށެވެ.
"މީގައި ތާއީދުކޮށްފައި ވާހަކަދެއްކި އެއްވެސް މީހަކު، ދެން އަޅުގަނޑުމެންނަށް އެނގޭ ސަރުކާރުގެ ވަޒީފާތަކުގައި ތިބޭ ބޭފުޅުން ދިފާއުކުރަން ޖެހޭނެކަން. އެހެންޔާ ވަޒީފާވެސް ހަމަ ސަރުކާރުން އަނެއްހެން މަދުކުރާ ދުވަސްކޮޅެއްގައި ޓުވީޓުކުރަން ޖެހޭނެ. ސޯޝަލް މީޑިއާގައި ޕޯސްޓުތައް ޖަހަންޖެހޭނެ. އެކްޓިވްކަން ދައްކަންޖެހޭނެ. އެހެންވީމަ އެގޮތަށް ކުރެވޭ ތާއީދެއް އޮތީ،" ނިޒާރު ވިދާޅުވި އެވެ.
"އެހެންނަމަވެސް އައްޑޫ ސިޓީގެ ރައްޔިތުންނާއި އައްޑޫ ސިޓީގެ ތަރައްގީއަށް ލޯތްބެއް ހުރި އެއްވެސް ރައްޔިތަކު ތާއީދުކުރި ކަމެއް ނޫން. އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑުމެން ރައީސަށް ލިޔެގެން އަދި މަޝްވަރާ ކުރެވިގެން މިކަން ރަނގަޅުކުރެވިގެންދާނެ ކަމަށް."
ފޭދޫ ޓޫރިޒަމް ޒޯންގެ ތަރައްގީއަށް ސަވާހެލި ތަރައްގީކުރުމަށް ކައުންސިލުން ކުރިން ނިންމުމާ ގުޅިގެން، 2023 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެތަން އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސުގެ ތެރޭގައި ހިމެނި އެވެ.
މިގޮތުން އައްޑޫ ސިޓީ ކައުންސިލުން އެތަން ތަރައްގީކުރަން ބީލަމަށް ހުޅުވާލިތާ 24 ގަޑިއިރު ނުވަނީސް އެތަން މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ސަރުކާރަށް ވަނީ ނަގާފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.