ރާއްޖެ އަށް މިހާރު ކުރަމުުން އަންނަ ވިއްސާރައިގައި އައްޑޫ ފޭދޫގައި ފެންބޮޑުވެ، ފެން ވަދެގެން ގެއްލުން ލިބުނު ގެތަތަކުގެ އަދަދު މިހާރު 70 އަށް ވުރެ ގިނަ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފި އެވެ.
މިއަދުގެ ހެނދުނާ ހަމައަށް ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިގެން ވަނީ ރިޕޯޓުކޮށްފަައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ގެއެއްގައި ފެންބޮޑުވެ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅި ދިރިނޫޅެވޭ ވަރަށް ހާލަތު ގޯސްވެގެން، އެ ގޭގައި ދިރިއުޅޭ 8 މީހަކު މިހާރު ވަގުތީ ބޯހިޔާވަހި ކަމަށް ބަދަލުކޮށްފައިވާ ކަމަށް ޑިޒާސްޓާ އިން ބުންޏެވެ.
މީގެ އިތުތުން މަރަދޫގެ ދެ ގެއަކަށް ފެންވަދެގެން ވެސް ރިޕޯޓުކޮށްފައިވެ އެވެ.
ޑިޒާސްޓާ އިން ބުނީ އައްޑޫގެ ރަށްތަކުގެ އިތުރުން ފުވައްމުލަކާއި ގއ. އަތޮޅާއި ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށް ވެސް މެދުނުކެނޑި ވިއްސާރަކުރަމުން ދާ ކަމަށެވެ. އަދި ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ރަށުގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައިވެ ވެ.
ޑިޒާސްޓާ އިން ބުނީ ފެންބޮޑުވި ރަށްރަށުގައި ފެން ހިންދުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ. އަދި ގޯތިގެދޮރާއި، ފިހާރަތަކާއި، އޮފީސްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ދަތުރުފަތުރު ކުރުމުގަ އާއި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޑިޒާސްޓާ އިން އިލްތިމާސްކޮށްފައިވެ އެވެ.
މެޓުން މިއަދު ވަނީ ހދ. އަތޮޅު ފިޔަވައި މުޅި ރާއްޖެ އަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އެއީ ހެނދުނު 11:30 އިން ފެށިގެން ހަވީރު 4:30 އަށެވެ.