މަޖިލީހުގެ ނައިބް ރައީސް ނާޒިމްގެ ފުރިހަމަ އިތުބާރު ސަރުކާރަށް އެބަ އޮތް: ފަލާހު

މުހައްމަދު ހަމީޒް
 
1 ދުވަސް ކުރިން

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ސަރުކާރާ ދުރުވެފައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، އެމަނިކުފާނު ހުންނެވީ ސަރުކާރާ އެކު ވަރަށް ސާބިތުކަމާއެކު ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން މީޑިއާއަށް ޖުމްލަ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ފަލާހު ވިދާޅުވީ، ބައެއް ނޫސްތަކުން ފަތުރަމުންދާ ޖިނާއީ މައްސަލަތަކާއި އިންޓެލިޖެންސް ރިޕޯޓްތަކުގެ ވާހަކައަކީ އެއްވެސް އޮއްޓަރެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ނާޒިމް މަޖިލީހުގެ ނައިބަ ރައީސް ކަމުން ވަކިކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ވެސް އޭނާ ވަނީ ކަނޑައެޅިގެން ދޮގުކުރައްވާފައެވެ.

ފަލާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ދިފާއުކުރުމުގައި ނާޒިމަކީ ވަރަށް ބޮޑަށް ގަދައަޅައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. މަޖިލީހުގެ ކޮމިޓީތަކަށް އަންނަ ބަދަލުތަކަކީ މަސައްކަތުގެ ތަރުތީބުން އަންނަ ބަދަލުތަކެއް ކަމަށާއި، އެއީ ސަރުކާރުގެ އިތުބާރު ނެތިގެން އަންނަ ބަދަލުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މަޖްލިސް ދަތުރު ހުންނަގޮތުން އެދުވަހަށް ބަދަލުކޮށްފާނެ ތިން މީހުން ވިއަސް، ނޫސްވެރިން ލިޔެފާނެ މިވެނި ތިން މީހެއް ކަނޑައިލައިއޭ، އެއީ ކޮމިޓީ މަސައްކަތް ހުންނަ ގޮތުން އަންނަ ބަދަލުތައް. ކޮމިޓީ ތަކުން ޕީޖީ ލީޑަރު ވިއަށް، މަޖްލިސް ރައީސް ވިއަސް ނައިބް ރައީސް ވިއަސް ބަދަލު ވެދާނެ، އެއީ ސަރުކާރުގެ އިތުބާރު ނެތިގެނެއްނޫން" ފަލާހު ވިދާޅުވިއެވެ.

ސަރުކާރުގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި، މަޖިލީހުގެ ނައިބް ރައީސްގެ އިތުބާރު ސަރުކާރަށް ފުރިހަމައަށް އެބައޮތް ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ނާޒިމް ސަރުކާރާއެކު ސާބިތުކަމާއެކު މަސައްކަތް ކުރައްވާ މަންޒަރު ފެންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މި ދުވަސްވަރަކީ ސަރުކާރުގެ އެކި މަގާމުތަކަށް ބަދަލުތަކެއް އަންނަމުންދާ ވަގުތަކަށް ވުމާއެކު، ސިޔާސީ މަސްރަހުގައި އެކި ކަހަލަ އަޑުތައް ފެތުރެމުންދާ ކަން ފަލާހު ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ހުރިހާ ކަމެއްގައިވެސް ނާޒިމް ހުންނެވީ ސަރުކާރުގެ ސިޔާސަތުތަކަށް ފުރިހަމައަށް ތާއީދުކުރައްވައިގެން ކަމަށް ޕީޖީ ލީޑަރު ވިދާޅުވެ ނިންމާލެއްވިއެވެ.