އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫޢެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
މި ނިންމެވުމާ ގުޅިގެން، ކުރިން ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2021 ވަނަ އަހަރުގެ ޑިސެންބަރު 2 ވަނަ ދުވަހު ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 8/2021 ޤަރާރު، މިއަދު ނެރުއްވި ނަންބަރު 25/2025 ޤަރާރުން ވަނީ އުވައިލައްވާފައެވެ.
އައްޑޫސިޓީގެ ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަޤްޞަދުގައި، އެ ރަށަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކުރިން ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ނިންމެވުމާއެކު، ފަތުރުވެރިކަމުގެ އާ މަޝްރޫޢެއް ހިންގުމަށްޓަކައި ހަންކެޑެ ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ހަވާލުކުރައްވާފައެވެ. މި ނިންމެވުމާއެކު އައްޑޫސިޓީގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ބެލެވެއެވެ.