އައްޑޫ ސިޓީ ކައުންސިލްގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅިފައިވާ މައްސަލައިގައި، ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބެލުމަށްޓަކައި، ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނު) ގެ ދަށުން އާންމު ވޯޓެއް ނެގުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ، އައްޑޫ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާމެދު އެ ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށެވެ. އަދި ހަމައެއާއެކު، އައްޑޫ ހުޅުދޫއާއި މީދޫ އެއް ކައުންސިލެއްގެ (އައްޑޫ ހުޅުމީދޫ ކައުންސިލް) ދަށުން ހިންގުމާމެދުވެސް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަނީ ނިންމާފައެވެ.
މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 24 ނުވަތަ 25 ވަނަ ދުވަހު ކަމަށްވާއިރު، އެ ރަށްރަށުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ހުރިހާ ރައްޔިތުންނަށް މި ވޯޓުގައި ބައިވެރިވެވޭނެއެވެ. އަދި ވޯޓު ނެގުމުގެ ކުރިން، ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫ ސިޓީގެ ރަށްތަކުގެ އިޚްތިޞާޞަށް އަންނާނެ ބަދަލުތައް ދިރާސާކުރުމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ޚާއްޞަ ޓީމެއް އެކުލަވާލައި، އައްޑޫއާ ގުޅޭ މަޢުލޫމާތު އެނގިލައްވާ ފަންނީ ބޭފުޅުންގެ އެހީގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފައެވެ.