އައްޑޫ ޝަންގްރިއްލާ ވިލިނގިލީ ރިސޯޓް - -

އަހަރު ނިމުމުގެ ކުރިން އައްޑޫގައި އަލުން ޝަންގްރިއްލާ ހުޅުވާނެ: މިނިސްޓަރ

އާއިޝަތު އަނާ ރަޝީދު
 
7 ދުވަސް ކުރިން

އައްޑޫ ސިޓީގެ ރައްޔިތުންގެ އާމްދަނީގެ މައިގަނޑު އެއް މަސްދަރު ކަމުގައިވާ ޝެންގްރިލާ ވިލިނގިލި މިއަހަރު ނިމުމުގެ ކުރިން އަލުން ހުޅުވޭނެކަމަށް ޓޫރިޒަމް މިނިސްޓަރ ތާރިޤް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމެއްގައި މިނިސްޓަރ ތާރިޤް ވިދާޅުވި ގޮތުގައި، ރިސޯޓް އަލުން ހުޅުވުމަށް ނިންމާފައިވަނީ ސަރުކާރާއި ޝެންގްރިލާގެ މެނޭޖްމަންޓާ ދެމެދު ކުރެވުނު ފުޅާ ދާއިރާގެ މަޝްވަރާތަކަކަށް ފަހުގައެވެ. އަދި މިހާރު ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް އެތަނުގައި ހުރި ވިލާތަކާއި އެހެނިހެން ވަސީލަތްތަކުގެ ހާލަތު ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ރަނގަޅަށް ބަލަހައްޓާފައި ހުރީ. ވަރަށް ގިނަ ވަސީލަތްތަކާއި ކޮޓަރިތައް ވަރަށް ރަނގަޅަށް ބަލަހައްޓާފައި ހުރީ،" މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ. 

އަދި ބާކީ ހުރި މަރާމާތުތައް ކުރުމަށްފަހު އަންނަ ތިން މަސްދުވަހުގެ ތެރޭގައި ރިސޯޓް އަލުން ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫގައި ހުޅުވުނު ފުރަތަމަ ޓޫރިސްޓް ރިސޯޓް، ޝެންގްރިލާ ވިލިނގިލި ވަނީ 2020 ގައި ކޮވިޑް-19 ބަލިމަޑުކަމުގެ އެންމެ ހަރުކަށި ދުވަސްވަރު މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައެވެ. މި ރިސޯޓް ހިންގަމުން އައީ ދިވެހި ސަރުކާރާއި ޝެންގްރިލާ މޯލްޑިވްސްގެ ޖޮއިންޓް ވެންޗަރއެއް ކަމަށްވާ އައްޑޫ އިންވެސްޓްމަންޓުންނެވެ.

ޝެންގްރިލާ ވިލިނގިލީގައި އެއްވަގުތެއްގައި 100 އަށްވުރެ ގިނަ އައްޑޫ ރައްޔިތުން ވަޒީފާ އަދާކޮށްފައިވާއިރު، ސަތޭކަ އެތައް ޢާއިލާއެއްގެ އާމްދަނީގެ މަސްދަރަކަށް ވެފައިވެއެވެ. ރިސޯޓް އަލުން ހުޅުވުމުން އައްޑޫ ސިޓީގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ފަތުރުވެރިކަން ކުރިއަރައި، ދެކުނުގެ އިޤްތިޞާދަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބޭނެކަމަށް ބެލެވެއެވެ.