މިއަދު ހެނދުނު ކުއްލިއަކަށް މޫސުން ގޯސްވެ, ކުޑައިރުކޮޅަކަށް ކުރި ވިއްސާރައެއްގައި އައްޑޫސިޓީ, މަރަދޫފޭދޫގެ ގެތަކެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މަރަދޫފޭދޫއިން މައުލޫމާތު ދިން މީހަކު ބުނީ، ވަރަށް ރީތިކޮށް މޫސުން އޮތުމަށް ފަހު މިއަދު 8:40 ކަންހާއިރު އެ ރަށުގެ މެދުތެރޭ ވަކި ހިސާބަކަށް ގަދަވަޔާއެކު އިރުކޮޅަކަށް ވިއްސާރަ ކުރި ކަމަށެވެ.
އެ ވިއްސާރައިގައި ބައެއް ގޭގެއާއި، ތަންތަނުގެ ފުރާޅު އެއްލާލިއެވެ. އެ ތަންތަނުގެ ތެރޭގައި އެ އަވަށުގެ ހިނަވާގެއާއި ނޫރު މިސްކިތް ވެސް ހިމެނެއެވެ.
މި ހަދިސާގައި މީހަކަށް އަނިޔާއެއްވިކަމަށް އަދި ރިޕޯޓެއް ނުކުރެއެވެ.
މެޓު އޮފީހުން ލަފާ ކުރާގޮތުގައި ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާއްމު ގޮތެއްގައި ރަނގަޅު ވާނެއެވެ. އަދި ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް ވަނީ ލަފާ ކޮށްފައެވެ.