މެންބަރު އިބްރާހިމް ނިޒާރު | ފޮޓޯ: މަޖްލިސް

ސަވާހިލި އައްޑޫން ވަކިކުރީ ނުހައްގުން މަންފާ ނަގަން އުޅޭތީ: ނިޒާރު

މުހައްމަދު ހަމީޒް
 
10 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަކުން އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސުން "ސަވާހިލި" ސަރަހައްދު ވަކިކުރަން ނިންމެވި ނިންމެވުމަށް މެންބަރު އިބްރާހިމް ނިޒާރު ތާއީދުކުރައްވައި، އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައިފިއެވެ. ފޭދޫ ޓޫރިޒަމް ޒޯނާ އިންވެގެން އޮތް މި ފަޅު ސަރުކާރުގެ ދަށަށް ގެންދިޔައީ އައްޑޫގެ އިގުތިސާދަށް ހުރަސްއަޅަން ކަމަށް ބުނެ އިދިކޮޅުން އަންނަނީ ފާޑުކިޔަމުންނެވެ.

މި މައްސަލައިގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، ސަވާހިލި ސަރަހައްދަކީ ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލެއްގެ ބާރުގެ ދަށުގައި އޮތް ތަނެއް ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ ދެ ސަރުކާރު ނިމިގެން ދިޔައިރުވެސް އެތަން ތަރައްގީކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. "އެތަން ތަރައްގީކުރަން އުޅުނީ އިހުލާސްތެރިކަމާއެކު ނަމަ މިއަދު އެތަން ފަޅަށް ނޯންނާނެ،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ތުހުމަތު ކުރެއްވި ގޮތުގައި، މި ސަރަހައްދު ކައުންސިލުން ވަކިކުރަން ޖެހުނީ އެތަނުން ނުހައްގު މަންފާ ހޯދަން ބަޔަކު މަސައްކަތް ކުރަމުންދާތީއެވެ. އަދި މިއީ މުޅި ކައުންސިލްގެ ނިންމުމެއް ނޫން ކަމަށާއި، މީގެ ފަހަތުގައި ތިބީ ކައުންސިލްގައި ތިއްބެވި ނުފޫޒުގަދަ މަދު ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ހަގީގަތް އޮޑިޓް ރިޕޯޓްތަކުން ފެންނަން ހުންނާނެ ކަމަށްވެސް ނިޒާރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ބުނަމުންދަނީ މި ސަރަހައްދު ސަރުކާރުގެ ދަށަށް ގެންދިޔައީ ފަތުރުވެރިކަން ފުޅާކޮށް، ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް އެތަން ތަރައްގީކުރުމަށް ކަމަށެވެ. ފޭދުއާއި މަރަދޫފޭދޫ ދެމެދުގައި އޮންނަ މި ސަރަހައްދު ކައުންސިލުން ބީލަމަށް ލާފައި ވަނިކޮށް، ރައީސްގެ ގަރާރަކުން މިހާރު ވަނީ އެތަން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައެވެ.

މީގެ އިތުރުން، އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަޝްރޫއުގެ ދަށުން ހިތަދޫ ބޮލިހެރަ ސަރަހައްދުވެސް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މި ނިންމުންތަކާއެކު އައްޑޫގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.