މިއަދު ކ. ގާފަރު ކައިރިއަށް ބަންޑުން ޖަހާލި ކޮޅުވެއްޓިން ސަލާމަތްކުރި 8 މީހުން ގާފަރަށް ގެންގޮސްފިއެވެ.
ތިލަފުށިން ފުރައިގެން ދަތުރުކުރި އެ ކޮޅުވެއްޓި ގާފަރު ކައިރިއަށް އަޑިއަށް ދާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު ނުވައެއް ޖަހަން އުޅެނިކޮށެވެ. ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ތިބީ 10 މީހުންނެވެ. އެއީ 8 ބިދޭސީންނާއި ދެ ދިވެހިންނެވެ. އޭގެ ތެރެއިން 8 މީހުން ސަލާމަތްވި ނަމަވެސް، ދެ މީހުން އަދި ވެސް ނުފެނެއެވެ.
ގާފަރު ކައުންސިލް ރައީސް މުބައްޝިރު ޖަލީލް ވިދާޅުވީ، ސަލާމަތްކުރި 8 މީހުން މިއަދު މެންދުރު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.
މިކޮޅަށް ގެނައީ މެންދުރު އެކެއް ޖަހަނިކޮށް، އެންމެންގެ ހާލު ވެސް ރަނގަޅު. އެ މީހުން މިހާރު ބައިތިއްބާފައި ތިބީ މި ރަށު ގެސްޓް ހައުސްއެއްގައި، ކައުންސިލް ރައީސް ވިދާޅުވިއެވެ.
އެ ހާދިސާގައި ގެއްލިގެން ހޯދަނީ ދެ ބިދޭސީއަކު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިއަދު މުޅި ރާއްޖެއަށް މޫސުން ވަރަށް ގޯހުވެފައިވާ ކަމަށް ފާހަގަކޮށް، ކަނޑުމަތީގެ ބައެއް ހާދިސާތައް ވެސް ހިނގިއެވެ. މިއަދު ހެނދުނު ހިނގި އެހެން ހާދިސާއެއްގައި، ކ. މާފުށީ ބޭރުގައި އޮންނަ ސަފާރީއެއްގެ ނަގިލި ކަހާލައިގެން ގޮސް، އެ ރަށުގެ ފަރުމައްޗަށް ލައްވެ، އެ އުޅަނދު އެއްކޮށް ފުނޑުފުނޑުވެފައިވެއެވެ.
މެޓް އޮފީހުން ބުނީ، ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން، ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯވިއްސާރަ ވިލާ ދަނީ އުފެދެމުންނެވެ. އެއާ އެކު، ހާއްސަކޮށް މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ އެވެ. އަދި މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެއެވެ.