ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސް: މެޓް

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

އެ އިދާރާއިން ވިދާޅުވި ގޮތުގައި، މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް ބެލެވެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި، މި ދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެއެވެ.

މިކަމާ ގުޅިގެން ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 8:15 އިން މެންދުރު 2:00 އާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ވައި ޖެހޭނެ ކަމަށް ބެލެވެއެވެ.

އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ފާހަގަކުރައްވައެވެ.

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. މި މުއްދަތުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ ތިން ފޫޓާއި ފަސް ފޫޓާ ދެމެދުގައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްވަރަކަށް ވާތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.