ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ނެރުނު ހުދު ސަމާލު ދަންމާލައިފިއެވެ.
މެޓުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އެންމެ ފުރަތަމަ ހުދު ސަމާލު ނެރުނީ މިއަދު ފަތިހު 5:15 އިން ހެދުނު 11:00 އަށެވެ. އެ ސަމާލު މިހާރު ވަނީ މިއަދު ހަވީރު 17:00 އަށް ދަންމާލައިފައެވެ.
ސަމާލުގައި އިވަނީ އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަގެ ކަނޑުތައް ގަދަވާނެކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވިއެވެ.
މޫސުން ގޯސްވެފައިވާތީ ހުރިހާ ފަރާތްތަކުންވެސް، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.