މާރާމާރީ ތެރެއިން --

އައްޑޫގައި ފިލްމެއް ބަލައިފައި، ފިރިހެނެއް މައްސަލައިގައި ޒުވާން 2އަންހެނުން މެދުގައި ހަމަނުޖެހުމެއް

ނާއިފް ހަލީމް
 
1 ދުވަސް ކުރިން

އައްޑޫ ސިޓީ, ހިތަދޫގެ ވިލާ ކޮލެޖުގައި އެޅުވި ދިވެހި ފިލްމެއް ބަލާފައި ނިކުތް ދިވެހި ދެ އަންހެނުންގެ މެދުގައި ރޭ ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މި މާރާމާރީއާ ގުޅިގެން ހިތަދޫއިން  ވާހަކަ ދެއްކި މީހުން ބުނީ އެ ދެ އަންހެނުންގެ މެދުގައި މާރާމާރީ ހިންގީ ކުރީގެ ފިރިމީހާގެ މައްސަލައިގައި ކަމަށެވެ.

ސޯޝަލް މީޑިއާގައި އާއްމު ވެފައިވާ ވީޑިއޯއަކުން ފެންނަނީ ދިވެހި ޒުވާން ދެ އަންހެން ކުދިން އެކަކު އަނެކެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގާ މަންޒަރެވެ. އެއާއެކު އެ މީހުން ދުރު ކުރުމަށް އިތުރު އަންހެނުންތަކެއް ކައިރިވެ އުޅޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާއަށް ހިއްސާ ކުރި މީހާ ބުނެފައިވަނީ ދިވެހި ފިލްމު "ކަނބުލޮ" ބަލައިގެން ނިކުތް ދެ އަންހެނުން ރޭ މާރާމާރީ ހިންގާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ހިތަދޫ, ކެނެރީ މަގުގައި ހިންގި މާރާމާރީއެއްގެ މައްސަލަ ރޭ 22:45 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގެ އިތުރުން އެހެން ތަފްސީލެއް ފުލުހުން ނުދެއެވެ.