މަސްތުވާތަކެއްޗާއި އެއްކޮށް ހައްޔަރުކުރި ފުލުސް މީހާ - -

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރެވުނު ފުލުސް މީހާ ވަޒީފާއިން ވަކިކޮށްފި

އާއިޝަތު އަނާ ރަޝީދު
 
2 ދުވަސް ކުރިން

މި އަހަރުގެ ޖުލައި 19 ވަނަ ދުވަހު، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު ފުލުސް މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ވަނީ ނިންމާފައެވެ. 

އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހައްޔަރުކުރެވުނު ފުލުސް މުވައްޒަފަކީ އދ. ކުނބުރުދޫ، ދިލްބަހާރުގޭ އައިޝަތު ޝިޔާޒާ (31 އަހަރު) އެވެ.

މި މައްސަލައިގައި އައިޝަތު ޝިޔާޒާގެ އިތުރުން ހއ. ދިއްދޫ، ހަޒާރުމާގޭ ސައިފުﷲ އަޙްމަދު (26 އަހަރު) ވެސް ވަނީ ހައްޔަރުކުރެވިފައެވެ. މި ދެ ފަރާތް ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ މާއްދާ އެކުލެވޭ ތިން ރަބަރު ޕެކެޓަކާއި މަނާކުރެވިފައިވާ ބޭހުގެ ގުޅައެއް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ކޯޓުން މި ދެ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމުގައި، އައިޝަތު ޝިޔާޒާ 5 ދުވަހަށް އަދި ސައިފުﷲ އަޙްމަދު 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. ރާއްޖޭގެ އެންމެ ބޮޑެތި އިޖުތިމާޢީ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ނުރައްކާ ހިމެނޭއިރު، ވޭތުވެދިޔަ އަހަރު މަސްތުވާތަކެއްޗާ ގުޅުންހުރި 1,673 މައްސަލަ ހުށަހެޅި، މި އަހަރުގެ މިހާތަނަށް 1,010 މައްސަލަ ވަނީ ރިޕޯޓުކުރެވިފައެވެ.