މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އަމަލުކުރަން ފެށި ގޭންގު ކުށްތައް ހުއްޓުވުމުގެ އާ ގާނޫނުގެ ދަށުން، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށް، ބަންދުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުގައިވާ ގޮތުން 22 އަހަރުގެ ދިވެހި ދެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ބަންދުކުރީ އިއްޔެއެވެ. އެ ތިން މީހުންނަކީ:
އިބްރާހީމް ޒައިދާން (22އ) / މއ. މޯނިންވިއު، މާލެ
މުހައްމަދު ޝިދާދު (22އ) / ބަށިމާގެ، ލ. މާބައިދޫ
އަހްމަދު ނަވާޒް (30އ) / މއ. މޯނިންވިއު، މާލެ
ކޯޓު އަމުރުގައިވާ ގޮތުން، ކުށުގައި ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެއެވެ. އެގޮތުން ހާދިސާ ރިޕޯޓާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ކްރައިމް ސީންގެ ފޮޓޯއާއި، އެ ސީނުން ފެނުނު ދެ ވަޅިއެއްގެ ފޮޓޯ ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވާ ކަމަށް، ވަކިވަކިން ނެރުނު އަމުރުތަކުގައިވެއެވެ.
އެ އަމުރުތަކުގައި ބުނީ، މައްސަލައިގައި ފެނުނު ދެ ވަޅި އޮތީ ހާމައަށް ލޮލަށް ފެންނަން ނޫން ކަމަށް، ތިން މީހުންގެ ވެސް ދިފާއުން ބުނި ކަމަށެވެ. އެކަމަކު ފުލުހުން ހެކީގެ ގޮތުގައި ހުށަހެޅި ފޮޓޯތަކުން އެކަން އެގޮތަށް އޮތްކަން ބެލެވެން ނެތް ކަމަށް، އެ އަމުރުތަކުގައި ބުނެފައިވެއެވެ.
ކޯޓުން އަމުރުކުރީ މި ތިން މީހުންގެ ތެރެއިން ޒައިދާނާއި ޝިދާދު 15 ދުވަހަށް ބަންދުކުރުމަށް، އަދި ނަވާޒް 30 ދުވަހަށް ބަންދުކުރުމަށެވެ.