ރައްޔިތުންގެ މަޖިލީހުން މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ދޮރު ހުޅުވާލައިފިއެވެ.
މި ކޮމިޝަނުގައި ތިބޭ ޖުމްލަ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުން އައްޔަންކުރާނީ މަޖިލީހުންނެވެ. އަދި އެހެން ހަތަރު މެންބަރުން ހޮވުމަށް މީޑިއާތަކުގެ މެދުގައި ވޯޓު ނެގޭނެއެވެ. މި މަޤާމުތަކަކީ ފަސް އަހަރު ދުވަހުގެ ދައުރަކަށް ހޮވޭ މަޤާމުތަކެކެވެ.
މަޖިލީހުން ހާމަކޮށްފައިވާ ގޮތުގައި، މި މަޤާމުތަކަށް ކުރިމަތިލެވޭނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. އެޕްލިކޭޝަން ހުށަހަޅާއިރު، އިޤްރާރު، ކުށާއި ދަރަނީގެ ރެކޯޑު ފޯމު، އައިޑީ ކާޑުގެ ކޮޕީ، ވަނަވަރު އަދި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހިމަނަންވާނެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، 30 އަހަރު ފުރިފައިވުމާއި، ކަމާގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީއެއް ނުވަތަ މީޑިއާ ދާއިރާއިން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. އަދި މީޑިއާގެ މަސްއޫލުވެރިއެއް، ސިޔާސީ މަޤާމެއް ފުރާ މީހެއް، ނުވަތަ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ވެގެން ނުވާނެއެވެ.
މީޑިއާތަކުގެ މެދުގައި ނަގާ ވޯޓުން ހޮވޭ މެންބަރުންގެ އިންތިޚާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށެވެ. އަދި އިންތިޚާބު އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 353 މީޑިއާއަކަށެވެ.