ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)

އެމްޑީޕީ ކައުންސިލެއް އޮވެގެން އައްޑޫއަށްވީ ކޮން ކަމެއް: މެމްބަރު އައިބީ

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

ވޭތުވެދިޔަ ގިނަ އަހަރުތަކެއްގައި އައްޑޫ ސިޓީގެ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮތް ނަމަވެސް، އެ ސިޓީގެ ތަރައްޤީއަށް އެދެވޭ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ފާޑުވިދާޅުވެއްޖެއެވެ. މަޖިލީހުގައި ވާހަކަދައްކަވަމުން އައިބީ ވަނީ އިދިކޮޅު މެންބަރުންގެ އަމަލުތަކަށާއި އައްޑޫގެ ހާލަތާ ގުޅޭގޮތުން ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ.

އައިބީ ވިދާޅުވީ އައްޑޫ ސިޓީގެ ކައުންސިލް އެމްޑީޕީގެ ކޮންޓްރޯލްގެ ދަށުގައި އޮންނަތާ 20 އަހަރު ވެފައިވާއިރު، އައްޑޫގެ މަގުތައް އޮތީ ވަރަށް ބޮޑަށް ހަލާކުވެ މަރާމާތު ނުކުރެވި ކަމަށެވެ. "އައްޑޫ ސިޓީ އޮތީ މިދިޔަ ވިހިއަހަރު، ފަންސަވީސް އަހަރުގައި އެމްޑީޕީއަށް ކައުންސިލު އޮތީ. މިހާރުވެސް އޮތީ، ކޮންކަމެއް ކުރެވުނީ. މަގުތައް އެހެރީ ފޮނިފަ، މަރާމާތެއް ނުކުރޭ،" އައިބީ ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގައި އިދިކޮޅު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްގެ އަމަލުތަކަށް އިޝާރާތް ކުރައްވައި އައިބީ ވިދާޅުވީ، ރިޔާސަތުގެ ކުރިމައްޗަށް އަރައި އަޑުގަދަކޮށް ދުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރު ހިންގާ ޕާޓީގެ 70 މެންބަރުން އެގޮތަށް އަމަލުކުރަން ފަށައިފިނަމަ، އިދިކޮޅު މެންބަރުންނަށް ގޮނޑީގައި ވެސް ނުތިބެވޭނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އައްޑޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން އައިބީ ދެއްވިއެވެ. އޭގެ ތެރޭގައި މަގު ހެދުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، ބިން ހިއްކުމުގެ އިތުރުން ހޮސްޕިޓަލާއި ސްކޫލްތަކުގެ ފެންވަރު މަތިކުރުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައިބީ އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ގައުމު ދަރަނިވެރިކޮށްފައިވާ ކަމަށާއި، ރައީސް މައުމޫނުގެ ވެރިކަން ނިމުނުއިރު އޮތް ދަރަންޏަށްވުރެ ބޮޑު ދަރަންޏެއް ފަހުގެ ސަރުކާރުތަކުން އުފައްދާފައިވާ ކަމަށެވެ. އަދި މި ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.