ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު އެމްޑީޕީން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވައްޓާނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އައިބީ ވިދާޅުވީ، އަތޮޅު ކައުންސިލްތައް އަލުން ރުޖޫއަކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ ބިލަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ މަގްސަދުގައި ވައްދާފައިވާ ބިލެއް ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ މަކަރުވެރި ރޭވުންތަކެއްގެ ތެރެއިން ގައުމު ހަލަބޮލިކުރުމަށް ކުރާ މަސައްކަތެކެވެ. އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކޮންމެހެން އޮންނަންޖެހޭ ބައެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިދިކޮޅު ފަރާތްތަކުން ގައުމުގައި ފިތުނަ އުފައްދައި ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅޭ ކަމަށް ތުހުމަތު ކުރައްވަމުން އައިބީ ވިދާޅުވީ، މީގެ ކުރިން ވެސް އެފަދަ އަމަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދު ފުނޑިގެން ގޮސްފައިވާ ކަމަށެވެ. "އެވަރުން ވެސް މަގުމައްޗަށް ނުކުމެ ވެރިކަން ވައްޓާލަން، ލާހިކެއް ނޫން ނަޝީދަކަށް ވެސް މި ވެރިކަން ވައްޓާލާކަށް،" އައިބީ ވިދާޅުވިއެވެ.
އައިބީ އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ވެރިކަން ނިންމާލާފައިވަނީ ގައުމު ބޮޑު ދަރަނީގެ ތެރެއަށް ވައްޓާލުމަށްފަހު ކަމަށެވެ. އަދި ސަރުކާރަށް ނިސްބަތްވާ މެންބަރުންނަށް ވެސް ރައްދުގައި ވާހަކަދައްކަން އެނގޭ ކަމަށާއި، ނަމަވެސް އެފަދަ ހަޑިހުތުރު މަންޒަރުތައް ދައްކަން ބޭނުންނުވާތީ މަޑުން ތިބެނީ ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު އައިބީ މިހެން ވިދާޅުވެފައި މިވަނީ، ސަރުކާރުން ސިޔާސީ ޕާޓީތަކާ މަޝްވަރާ ނުކުރާނަމަ މަގުމަތީގެ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށާއި، 2028 ގެ ކުރިން މި ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފް އިން ވެސް އަންނަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.