ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ގައުމުގެ މަސްލަހަތަށްޓަކައި ވެސް ޕީއެންސީގެ މަޖިލިސް މެންބަރުން އިސްތިއުފާ ދެއްވަންޖެހޭ: ނަޝީދު

މުހައްމަދު ހަމީޒް
 
1 ދުވަސް ކުރިން

ދިވެހި ގައުމުގެ މަސްލަހަތަށްޓަކައި ވެސް ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ މަޖިލިސް މެންބަރުން، އެ މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި "ބޮޑު ބަދަލު"ގެ ނަމުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފާހަގަ ކުރެއްވީ ދާދި ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއަކީ އެ ނަތީޖާ ނުކުތީ މެންބަރުންގެ މަސައްކަތްތެރިކަން ކުޑަވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރެއްވި ނަމަވެސް، އަސްލު ސަބަބަކީ އެއީ ނޫން ކަމަށެވެ. 

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ސަރުކާރަށް އިންތިޚާބު ގެއްލުނީ ހަރުދަނާ ސިޔާސަތެއް ނެތުމާއި، ރައްޔިތުންނަށް އުންމީދީ ތަސައްވުރެއް ދައްކައިދެވިފައި ނުވުމުގެ ސަބަބުންނެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒުގެ ސިޔާސަތުތަކުގެ ފަހަތްޕުޅުގައި މަޖިލިސް މެންބަރުން ދެމިތިއްބަވައިފިނަމަ ކުރިމަތިލާންޖެހޭނެ ހިތްދަތި ނަތީޖާ ކައުންސިލް އިންތިޚާބުން ވަރަށް ރަނގަޅަށް ހާމަވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. 

އެހެންކަމުން، ގައުމަށް ހެޔޮއެދޭ ކޮންމެ މެންބަރަކު ވެސް ލަސްނުކުރައްވައި ރައީސްއާ ދުރަށްޖެހިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ދޫކޮށްލެއްވުމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.