ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން ތުރުކީ ސަރުކާރުން, ހަދިޔާކުރާ މަނަވަރު ނުވަތަ މިސައިލް ބޯޓު ރާއްޖެ ގެނެސްފިއެވެ.
މި މަނަވަރު ރާއްޖެ ގެނެސްފައި ވަނީ، ބޮޑެތި ކަނޑު އުޅަނދު އުފުލާ، "ބްރޭކް ބަލްކް ކެރިއާ"އަކަށް ލައިގެންނެވެ.
މި ބާވަތުގެ އުޅަނދަށް ކަނޑުއަޑީގައި ދުއްވާ ސަބްމެރީންފަދަ އުޅަނދުތައް ވެސް އުފުލުމުގެ ގާބިލްކަން ލިބިފައިވެއެވެ.
އެ މަނަވަރު ރާއްޖެއަށް ހަދިޔާ ކުރަން ތުރުކީ ސަރުކާރުން ނިންމާފައިވާކަން ފުރަތަމަ ހާމަ ކޮށްފައިވަނީ ތުރުކީގެ ނޫސްތަކުން މިދިޔަ އޭޕްރިލް މަހެވެ. އެ ގައުމުގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ 'ތުރްކިޔޭ ޓުޑޭ'ގައި ބުނެފައިވަނީ TCG ވޮލްކަން (P-343)ގެ މިސައިލް ބޯޓެއް އެ ގައުމުން ރާއްޖެއަށް ހަދިޔާކުރަން އުޅޭ ކަމަށެވެ.
އެ ނޫހުން ބުނީ، އެ ބޯޓު ހަދިޔާކުރަނީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގާއިމުކޮށްފައިވާ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.