ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެފްޑީސީން ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓު ލިބޭ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލެވިފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަނީ ދޮގެއް ކަމުގައި އެފްޑީސީން ބުނެފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން މި ކޯޕަރޭޝަނުން ތަރައްޤީކޮށްފައިވާ ސޯޝަލް ހައުސިންގ ޔުނިޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިން ރޭވިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ދާކަމަށާއި އަދި ކަންކުރުމަށް ކަނޑައެޅިފައިވާ ގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށް މިއަދު އެފްޑީސީން އާއްމުކޮށްފައިވާ ނޫސް ބަޔާންގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އަންގާފައިވާ ގޮތަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާފައިވާއިރު މި އެއްބަސްވުންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތަކަށް އަންގާފައިވާކަމަށް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އެފްޑީސީން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެފްޑީސީން 232 އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު މިމައްސަކަތުގެ ސްޕީޑް އިތުރަށް ހަލުވިކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި ދުވާލެއްގެ މައްޗަށް ސޮއިކުރެވޭ އެއްބަސްވުންތަކުގެ އަދަދުވެސް އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.