މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 1،000 ހައުސިން ޔުނިޓް އަޅަން ފަސް ކުންފުންޏަކާ މި ހަފުތާގެ ތެރޭގައި ހަވާލުކުރުމަށް ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ އެއިން ކޮންމެ ކުންފުންޏަކާ ވެސް ހަވާލުކުރާނީ 200 އެޕާޓްމަންޓް ހަދަން ވެ. އޭގެ ތެރޭގައި ހިމެނެނީ 950 އަކަފޫޓަށް ވުރެ ބޮޑު ތިން ކޮޓަރީގެ 140 ޔުނިޓާއި، 700 އަކަފޫޓުގެ ދެ ކޮޓަރީގެ 60 ޔުނިޓެވެ.
ނާޒިމު ވިދާޅުވި ގޮތުގައި މީގެ ކުރިން ރާއްޖޭގައި ކުރިއަށް ގެންދިޔަ ސޯޝަލް ހައުސިން މަޝްރޫއުތަކާ ޚިލާފަށް، މި ފަހަރުގެ ފްލެޓުތައް ޖާގަ ތަނަވަސްވާނެ އެވެ. އަދި އިމާރާތްތަކުގެ އެތެރޭގެ ފިނިޝިން މަސައްކަތްތަކާއި، ހައުސިން ޔުނިޓްތަކުގެ ކުރިމަތީގައި އޮންނަ ހުސް ޖާގަތައް ވެސް ކުރީގެ މަޝްރޫއުތަކަށް ވުރެ މާ ބޮޑަށް ފުރިހަމަވާނެ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުން އަތޮޅު ތެރޭގައި ހައުސިންގެ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް ގެންދަން ނިންމައި ބައެއް މަޝްރޫތައް މީގެ ކުރިން އެކި ފަހަރު މަތިން ބީލަމަށް ވެސް ލާފައިވެ އެވެ. ނަމަވެސް އެއިން އެެއްވެސް މަޝްރޫއަކާ ގުޅޭ ކަންކަން އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުދާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.