ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

ހައުސިން މިނިސްޓްރީއަށް ހާއްސަ އިމާރާތެއް ހެދުމުގެ މަސައްކަތް ފަށަނީ

މުހައްމަދު ހަމީޒް
 
1 ދުވަސް ކުރިން

އަލިފާނުގެ ހާދިސާގައި އާދައިގެންދިޔަ ހައުސިން މިނިސްޓްރީގެ މަސައްކަތްތަކަށް ހާއްސަ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށް 30،000 އަކަފޫޓުގެ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އިއްޔެ ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައި 12 ޑިސެމްބަރު 2024ގައި ހިނގި އަލިފާނުގެ ހާދިސާގައި މުޅި އިމާރާތް އެއްކޮށް ވަނީ އަނދާފަ އެވެ. އެހެންވެ، މިހާރު އެ މިނިސްޓްރީ ވަގުތީގޮތުން ހިންގަމުންދަނީ ދަރުބާރުގޭގަ އެވެ.

އެ މިނިސްޓްރީގެ މަސައްކަތްތަކަށް ދާއިމީ އޮފީސް އިމާރާތެއް ހޯދުމުގެ މަަސައްކަތް ކުރަމުންދޭތޯ އިއްޔެ އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން މުއްތަލިބު ވިދާޅުވީ، ދަރުބާރުގޭގައި އެ މިނިސްޓްރީގެ މަސައްކަތްތައް ކުރަން ވަރަށް ދަތިވާ ކަމަށެވެ.

މިނިސްޓްރީގެ މަސައްކަތުގެ ތެރެއަށް ޕަބްލިކް ވޯކްސް ވެސް މިހާރު އިތުރުކޮށްފައިވާތީ މުވައްޒަފުންނަށް އިތުރު ޖާގަ ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އާދެ އަޅުގަނޑު ވެސް މިނިސްޓަރެއްގެ ހައިސިއްޔަތުން ވަރަށް ކަންބޮޑުވާ ކަމެއް ދާއިމީ އޮފީހެއް ނެތުމަކީ. ވަގުތީ ތަނެއްގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މިހާރު އަހަރެއްހާ ދުވަސް މިވަނީ،" މުއްތަލިބު ވިދާޅުވި އެވެ.