އަންނަ ހަފުތާގައި ފްލެޓުތަކުގެ އެގްރިމެންޓުގައި ސޮއި ކުރަން ފަށާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވެއްޖެ އެވެ.
ފޯރަމުގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި ފްލެޓު ލިބުނު މީހުންނާއެކު އެގްރިމެންޓުގައި ސޮއި ކުރުމުގެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން އޭނާއަށް އެބަ އޮތް ކަމަށެވެ. ފްލެޓުތައް ހަވާލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ ނޮވެމްބަރު 15، 2023، ގައި އޭރުގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް ހައުސިން، އިންފްރަސްޓަކްޗާ އިން ކޮށްފައިވާ އިއުލާނާއެކު ވާ ލިސްޓުގައި ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް. އެހެންވީމަ އަޅުގަނޑުމެން އިތުރު ލިސްޓެއް، ފައިނަލް ލިސްޓުގެ ގޮތުގައި އަދި އެހެން ލިސްޓެއްގެ ގޮތުގައި ވެސް ނުނެރޭނަން،" މުއްތަލިބު ވިދާޅުވި އެވެ.
މިއީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ހިންގި އެންމެ ބޮޑު ފްލެޓު މަޝްރޫއެވެ.