ވިލިމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 300 ފުލެޓުގެ މަޝްރޫއުގެ ދަށުން ބިނާކުރާ އެއް ޓަވަރު، އެ ސަރަހައްދުގައި ހުރި ބޮޑެތި ގަސްތައް ހިމާޔަތްކުރުމުގެ ގޮތުން އެހެން ތަނަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރ މުއްތަލިބު ވިދާޅުވީ، ވިލިމާލޭގައި އިމާރާތްކުރާ 300 ފުލެޓު މަޝްރޫއު ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް ބަލާފައިވަނީ އެތަނުގައި ހުރި ބޮޑެތި ފުނަގަސްތައް ނުކަނޑައި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް، މަޝްރޫއުގެ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު އެޅުމަށް ކުރިން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީއާއި، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ، އެ ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް މިހާރު ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި އެކަށީގެންވާ ވަރަށް ޕާކުތަކާއި ހުސްޖާގަ ނެތްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެތައް ހާސް އާއިލާއަކުން ދަތި ހާލުގައި ދިރިއުޅެމުންދާތީ އެފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް، މާލެ ސަރަހައްދުން ގޯތި ދޫކޮށްފައިވުމާއެކު، ފުލެޓު އެޅުމަށް ބޭނުންވާ ބިން މަދުވުމަކީ މިފަދަ މަޝްރޫއުތައް ހިންގުމުގައި އޮތް ބޮޑު ގޮންޖެހުމެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ނިންމުމާއެކު، ވިލިމާލޭގެ ގުދުރަތީ މާހައުލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވި، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.