14 ސެޕްޓެމްބަރު 2025: އެމްޑީޕީއިން ހައުސިން މިނިސްޓްރީ ދޮށަށް އެއްވުން -- ފޮޓޯ: ސަން

ހައުސިން މިނިސްޓަރާ ބައްދަލުވޭތޯ އެމްޑީޕީން މިނިސްޓްރީއަށް ދިއުމުން، ބައްދަލުކުރާނެ ވެރިއެއްނުވި

ނާއިފް ހަލީމް
 
2 މަސް ކުރިން

އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިހާރު ކުރަމުން އަންނަ ސިލްސިލާ އިހުތިޖާޖުތަކުގެ ތެރެއިން، ހައުސިން މިނިސްޓްރީ ހިންްގާ ދަރުބާރުގޭ ދޮށަށް މިއަދު ހެނދުނު އެއްވެއްޖެއެވެ.

މިއަދު ހެނދުނު އެ ޕާޓީން ދަރުބާރު ގޭ ދޮށަށް އެއްވިއިރު، ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ އެ ސަރަހައްދުގައި އިހުތިޖާޖުގައި ބައިވެރިވެލައްވައިފައެވެ.

މި އިހުތިޖާޖާ ގުޅޭ ގޮތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ހައުސިން މިނިސްޓްރީއަށް މިއަދު ދިޔައީ މެންބަރުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބު ނުދެއްވާތާ ތިން މަހެއްހައި ދުވަސްވެގެން ކަމަށެވެ. 

އެހެންވެ ހައުސިން މިނިސްޓަރާ ބައްދަލުވޭތޯ މިނިސްޓްރީ ތެރެއަށް ވަނީ ކަމަށާއި، އެތައް އިރަކު ބޭތިއްބުމަށްފަހު ވެސް އެ މިނިސްޓްރީން އެއްވެސް ސިޔާސީ ބޭފުޅަކު ބައްދަލުކުރަން ނައިކަމަށް މައުރޫފް ވިދާޅުވިއެވެ.

މީގެ ކުރިން އެ ޕާޓީގެ ޕީޖީ ގްރޫޕުގެ މެންބަރުން ވަނީ ފިނޭންސް މިނިސްޓްރީ ދޮށަށް އެއްވެފައެވެ. އަދި ފިނޭންސް މިނިސްޓްރީގެ އިސް ވެރިންނާ ބައްދަލުކުރަން މަސައްކަތް ވެސް ކޮށްފައެވެ.

މި އިހުތިޖާޖުތައް ކުރަމުން އަންނަނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެ ޕާޓީން ބާއްވަން ތައްޔާރުވަމުން އަންނަ ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުންނެވެ.