ނޯޓް: މިއީ އޮސްޓްރޭލިއާގައި ސިނގިރޭޓާއި ދުންފަތުގެ އެކި ބާވަތްތަކުން ނަގާ ޓެކްސް ކުއްލިއަކަށް ބޮޑުކުރުމާއި ވިދިގެން؛ އެތަކެތި ވަގަށް ސްމަގްލްކުރުން އިންތިހާއަށް ބޮޑުވެ، އެފަދަ މާފިއާތަކުގެ ވަގު ވިޔަފާރީގެ ނެޓްވޯކްތައް އަތުލައިގަތުމަށްޓަކައި، "ފޯރ ކޯނާރސް" ގެ ފަރާތުން ސިއްރިޔާތުގައި ހިންގި ޕްރައިވެޓް އިންވެސްޓިގޭޝަން ރިޕޯޓް، ދިވެހި ބަހަށް ތަރުޖަމާކޮށް ކިޔުންތެރިންނަށް ގެނެސްދިނުމަށް ތައްޔާރުކޮށްފައިވާ ސިލްސިލާއެކެވެ.
އޮސްޓްރޭލިއާ ގެ މެލްބަން ސިޓީގެ ފިހާރައަކަށްވަދެ 'ވަގު ސިނގިރޭޓް ފޮއްޓެއް' ގަތުމަކީ ފެންތައްޓެއް ބޯލުންހާ ފަސޭހަކަމަކަށްވެއްޖެއެވެ. އާބާދީގައި 5 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ މެލްބަން ސިޓީގައި، ޓެކްސް ނުދައްކާ ނުވަތަ ވަގަށް ސްމަގްލްކޮށްފައިވާ ސިނގިރޭޓް ވިއްކުން މިވަނީ އާއްމު ވިޔަފާރިއަކަށް ބަދަލުވެފައެވެ. މިފަދަ ވަގު ސިނގިރޭޓްތައް ފިހާރަތަކުގައި ވިއްކަމުން ގެންދަނީ އެއްވެސް ސުވާލެއް އަދި އެއްވެސް ބިރެއް، ޖެހިލުމެއްނެތި އެވެ.
މެލްބަން ގެ އެންމެ ބައިބޯ އެއް ސަރަހައްދުކަމަށްވާ، ނޯބެލް ޕާރކް ގެ ބާކްލޭ ސްޓްރީޓް ގައި؛ ބްލެކްމާކެޓް ގައި މިފަދަ ވަގު ސިނގިރޭޓް ވިއްކާ މާފިއާތަކުން، ނުހަނު ހާމަކަން ބޮޑު ގޮތެއްގައި ސިނގިރޭޓް ސޭލްތައް އަންނަނީ ހިންގަމުންނެވެ. މިފަދަ އެއް ފިހާރައަކުން "އަގުހެޔޮކޮށްލީ، އެންމެ 13 ޑޮލަރަށް މި ވިއްކަނީ" ވަރަށް ހަމަޖެހިލައިގެން ހުރެ ވަގު ސިނގިރޭޓް ފޮއްޓެއް ދިއްކޮށްލަމުން ކޭޝިޔަރު ބުންޏެވެ. މި ފިހާރައަށް ވަގު ސިނގިރޭޓް ގަންނަން އެތައް ބަޔަކު ވަދެ ނިކުމެ ހަދަމުން ގެންދެއެވެ.
މި ފިހާރައާ ދާދި ގާތުގައި، ވަގު ސިނގިރޭޓް ވިއްކާ އެހެން ފިހާރައެއް ހުއްޓެވެ. މިތަނުގައި 20 ސިނގިރޭޓް ގެ 'މެންޗެސްޓަރ ސަފަޔަރ' ފޮއްޓެއް ވިއްކަނީ، ނަގުދު ފައިސާއިން 15 ޑޮލަރަށެވެ. މިއީ ސައްހަ ގޮތުގައި ވިއްކާ ސިނގިރޭޓް ފޮއްޓަކަށްވުރެ، ދެބައިކުޅަ އެއްބަޔަށްވުރެވެސް ހެޔޮ އަގެކެވެ.
މާދުރު ނޫން ހިސާބެއްގައި މަޝްހޫރު ޓީއެސްޖީ ގެ ފްރެންޗައިޒް ފިހާރައެއްގައިވެސް މެންޗެސްޓަރ ވަގު ސިނގިރޭޓް ވިއްކަން ބަހައްޓާފައި ހުއްޓެވެ.
މުޅި ސަރަހައްދުގައި މެންޗެސްޓަރ ގެ ވަގު ސިނގިރޭޓެވެ.
މެލްބަން ސަރަހައްދު ނިސްބަތްވާ ވިކްޓޯރިއާ ފުލުހުން ހާމަކުރި ގޮތުގައި، ވިކްޓޯރިއާ ގައި ސިނގިރޭޓް ވިއްކާ 1300 އަށްވުރެ ގިނަ ފިހާރަތައް ރަޖިސްޓްރީކޮށްފައިވިޔަސް، އޭގެތެރެއިން 1000 އަށްވުރެ ގިނަ ފިހާރައިގައި ކޮންމެވެސް ބާވަތެއްގެ ވަގު ސިނގިރޭޓް ނުވަތަ ސްމަގްލްކޮށްފައިވާ ދުންފަތުގެ ބާވަތެއް ވިއްކައެވެ.
2019 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މުޅި އޮސްޓްރޭލިއާ ގައި ސިނގިރޭޓް ވިއްކުމަށް 15000 އަށްވުރެ ގިނަ ވިޔަފާރި ރަޖިސްޓްރީކޮށްފައިވެއެވެ. އެހެނަސް އޮސްޓްރޭލިއާ ގައި މިފަދަ ވިޔަފާރިތައް ބެލެހެއްޓުމާއި، ޗެކްކުރުމާއި އަދި ޤާނޫނު ތަންފީޒު ކުރުމުގެ މަރުހަލާގެ ކަންކަން އެކި ސްޓޭޓްތަކުގައި ތަފާތެވެ.
މިމައްސަލާގައި ކަމުގެ ތަޖުރިބާކާރުން ވިދާޅުވަމުން ގެންދަވަނީ ސިނގިރޭޓްގެ އަގުތައް އިންތިހާއަށް ބޮޑުވެ އަދި ދުންފަތުގެ އިސްތިއުމާލުކުރާ އަދަދު މަދުކުރަން މިފަދަ ކުއްލި ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ނަތީޖާއަކަށް ވެގެން އަންނަނީ، އޮސްޓްރޭލިއާގައި ސިނގިރޭޓްގެ ބްލެކްމާކެޓެއް ރޮކެޓް ސްޕީޑުގައި އުފެދި އަދި ޤާނޫނު ތަންފީޒުކުރަންތިބޭ ފުލުހުންވެސް މިފަދަ ކަންކަމާމެދު އަޅާލުން ކުޑަވެގެންދިޔުމެވެ. މިކަންކަމުގެ ސަބަބުން މުޅި އޮސްޓްރޭލިއާގައި ސިނގިރޭޓް މާފިއާތަކެއް އުފެދި، ނުރައްކާތެރި ވަގު ވިޔަފާރިއަކަށް ބަދަލުވެގެން އަންނަކަމަށް ތަޖުރިބާކާރުން އިއްތިފާޤުވެއެވެ.
މިފަދަ ބްލެކްމާކެޓް މާފިއާތައް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ހަރަކާތްތެރިވަނީ ކިހިނަކުންތޯއެވެ؟ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ރާޑަރުތަކާއި ލޯތަކަށް ކަޝްފުވެގެން ތިބެ، މުޅި ޤައުމަށް އެމީހުންގެ ވަގު ވިޔަފާރިތައް ފުޅާކޮށްފައި މިވަނީ ކިހިނަކުންތޯއެވެ؟
މިކަންކަމުގެ ފުރިހަމަ ތަހުޤީޤެއް ހިންގުމަށް "ފޯރ ކޯނާރސް" FOUR CORNERS ގެ ފަރާތުން ދަތުރުކޮށް، ހޯދި ހޯދުންތަކުން ފެނި ޘާބިތުވެގެން މިދިޔައީ، މިއީ ބައިނަލްއަޤްވާމީ ޝިޕިންގލައިންތަކާއި، ގަލްފު ސަރަހައްދުގެ ޤައުމުތަކުގައި ހުރި ފެކްޓްރީތަކާއި، ފޭކް ޑޮކިޔުމަންޓްތަކާއި، އެތައް ބައިވަރު ގޮތް ނޭނގޭ ވެހިކަލްތަކާއި، ވިޔަފާރި ކުންފުނިތަކާއި، މިހެންގޮސް އެތަކެއް ބަޔަކާއި، ކުންފުނިތަކާއި، މުދާ ބޭނުންކޮށްގެން ހިންގާ މާސިންގާ މަލްޓި-ބިލިއަން-ޑޮލަރު ގެ އިންޑަސްޓްރީއެއްކަމެވެ. (ނުނިމޭ)