އޮސްޓްރޭލިއާ ގެ 'ސިނގިރޭޓް ހަނގުރާމަ' – ބާބު 3

އޮސްޓްރޭލިއާ ގެ 'ސިނގިރޭޓް ހަނގުރާމަ' – ބާބު 3

މުހައްމަދު ހަމީޒް
 
8 ދުވަސް ކުރިން

"އަހަރެން ނިސްބަތްވަނީ ކަޒްބޯއީޒްއަށް"

ހުސްވި 2024 ވަނަ އަހަރު، ވިކްޓޯރިއާ ސަރަހައްދުގައި، އެވްރެޖް ގޮތެއްގައި ހަފްތާއަކު އަލިފާނުގެ 2 ހާދިޘާ، ވަގު ސިނގިރޭޓުގެ މައްސަލަތަކާއި ގުޅިގެން މާފިއާ ގޭންގުތަކުގައި މެދުގައި ހިނގާފައިވެއެވެ. 

މިފަދަ މައްސަލަތަކުގައި އަލިފާން ރޯކޮށް ގެއްލުން ދީފައިވަނީ ހަމައެކަނި، ސިނގިރޭޓް ގެ ވަގު ވިޔަފާރިކުރާ ފަރާތްތަކަކަށްނޫނެވެ. އެހެނަސް މި ވަގު ވިޔަފާރީގެ ތެރެއިން ލިބޭ މުއްސަނދިކަން ބޭނުންކޮށްގެން، ނުރައްކާތެރި ޖިނާއީ އެކިއެކި ޖަރީމާތައް ހިންގާ މާފިއާ ގޭންގުތަކުގައި މެދުގައި އުފެދޭ ނުތަނަވަސްކަމާއި، ދެބަސްވުންތަކާއި، މައްސަލަތައް ޙައްލުކޮށް، އެއްބަޔަކު އަނެއް ބަޔަކަށް އެބައެއްގެ ބާރު ދެއްކުމަށް ބޭނުންކުރާ އުޞޫލަކީ މީހުންނާއި މުދަލަށް ގެއްލުންދީ އަލިފާންޖެހުންކަން އޮތީ އާއްމުވެފައެވެ.

ހުޅަނގު މެލްބަންގައި ބަނޑަހަޖަހައިގެން، މުޅި ވިކްޓޯރިއާ ގައި ސިނގިރޭޓްގެ ވަގު ވިޔަފާރި، އެންމެ ފުޅާ ދާއިރާއެއްގައި ހިންގަމުން ގެންދިޔައީ މަޝްހޫރު ހައްޑަރާ އާއިލާގެ ފަރާތުންނެވެ. މުޅި ވިކްޓޯރިއާ ސަރަހައްދުގެ ވަގު ވިޔަފާރި، ހައްޑަރާ އާއިލާއިން ކޮންޓްރޯލް ކުރަމުން ގެންދަނިކޮށް، މަސްތުވާތަކެތީގެ ބޮޑެއްކަމުގައިވާ ކަޒަމް ހަމަދު ވަނީ ހައްޑަރާ އާއި ޗެލެންޖުކޮށް، ވިކްޓޯރިއާ ސަރަހައްދުގެ ވަގު ވިޔަފާރީގެ ކޮންޓްރޯލް އަތުލާފައެވެ. 

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ހުކުމެއް ތަންފީޒުކޮށް ނިމުމުން، އޮސްޓްރޭލިއާ ސަރުކާރުން 2023 ވަނަ އަހަރު ވަނީ، ކަޒަމް އޭނާގެ ޤައުމަށް، އިރާޤަށް ޑިޕޯޓްކޮށްފައެވެ. ނަމަވެސް އިރާޤުގައި ދިރިއުޅުމުގެ ބަދަލުގައި، ކަޒަމް ވަނީ ޑުބާއީއަށް ބަދަލުވެ، އޭނާގެ ޖިނާއީ ކުށުގެ ނެޓްވޯކް ވަރުގަދަކޮށްފައެވެ. ކަޒަމް ވަނީ އޮސްޓްރޭލިއާއިން ބޭރުގައި ހުރެ، ހައްޑަރާ އާއި އެނޫންވެސް ވަގު ވިޔަފާރި ހިންގާ ފަރާތްތަކާއި ކަޒަމް އާއި ޒާތީ ދެކޮޅުވެރިކަން އޮތް ފަރާތްތަކާއި ޗެލެންޖުކޮށް، އޮސްޓްރޭލިއާގެ ވަގު ވިޔަފާރީގެ މުގޫ އަތުލުމަށްޓަކައި، މިވޭތުވެދިޔަ އަހަރެއްހާ ދުވަހު އަލިފާން ޖެހުމުގެ ނުރައްކާތެރި އެތަކެއް ޖަރީމާއެއް ހިންގާ، މުޅި އޮސްޓްރޭލިއާއަށް ނުތަނަވަސްކަން ގެނުވާފައެވެ. 

2024 ސެޕްޓެމްބަރ މަހުގެ ތެރޭގައި އުތުރު މެލްބަން ގެ ފިހާރައަކަށް ގޭންގު މީހަކުވަދެ، އެ ފިހާރައިގެ ވެރިމީހާއަށް ބިރު ދައްކާ މަންޒަރު ވަނީ ސީސީޓީވީއަށް ރެކޯޑްކުރެވިފައެވެ. "ކަލޭތީ ފިހާރައިގެ ވެރިމީހާތަ؟" އެ މީހާ ސުވާލުކުރެއެވެ. "އަހަރެންނަކީ ކަޒް ގެ ބޯއީ އެއް. (ކަޒަމް ގެ ގޭންގަށް ނިސްބަތްވާ މީހެއް). އަހަރެން މިދޭ ފޯނު ނަންބަރަށް މިއަދު ކަލޭ ގުޅަންޖެހޭނެ! ކަލޭ ހަނދާންކޮށް ގުޅާތި! ކަލޭ މިއަދު ނުގުޅައިފިއްޔާ...." މިއީ ފިހާރައިގެ ވެރިފަރާތަށް ކަޒަމް ގެ ގޭންގަށް ނިސްބަތްވާ މީހަކު ދީފައިވާ ނުރައްކާތެރި އިންޒާރެކެވެ. 

ވިކްޓޯރިއާގެ މެލްބަންގެ ރަށްބޭރު މީސްކޮޅު މަދު އަވަށެއްކަމަށްވާ ޓްރުގަނީނާ ގެ ގެއެއްގައި، 2025 ޖަނަވަރީ މަހު، އަލިފާން ބޯޅަ އުކައިގެން ރޯކޮށްލި ހާދިޘާއަކީވެސް ފާހަގަކޮށްލެވޭ ނުރައްކާތެރި ހާދިޘާއެކެވެ. 

މިހާދިޘާގައި މުޅި އޮސްޓްރޭލިއާއަށް މަޝްހޫރު ފަންނާނެއްކަމުގައިވާ، އުމުރުން 27 އަހަރުގެ ޒުވާން ކެޓީ ޓަންގޭ ވަނީ މަރުވެފައެވެ. ކެޓީ އެގެއަށް އައީ، ކެޓީގެ ބޭބެ ހަނީމޫން ދަތުރެއްގައި ފުރާތީވެ، އެގެ ބެލެހެއްޓުމަށް އެދުވަސްކޮޅަށް އެގޭގައި މަޑުކޮށްލުމަށެވެ. ގޭންގުން އެގެއަށް އަލިފާން ބޯޅަ އުކާ، މުޅި ގޭގައި އަލިފާން ޖެހިއިރު، އެގޭގައި އެވަގުތު ހުރީ ކެޓީ ޓަންގޭ އާއި އެ އާއިލާއިން ގެންގުޅޭ ޕެޓް ޑޯގް އެކަންޏެވެ. 

މިމައްސަލާގައި ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ކެޓީ ޓަންގޭ އަދި އޭނާގެ ބޭބެއަކީވެސް ވަގު ވިޔަފާރިއާ އެއްވެސް ގުޅުމެއް ހުރި ބައެއްނޫނެވެ. އެހެނަސް ގޭންގަކަށް އެރި އޮޅުމެއްގެ ސަބަބުން، އެގޭގައި އަލިފާން ޖަހާ، ކެޓީ އާއި މުޅި ގެ އަންދާ އަޅިއަށް ހަދާލީއެވެ. މިއީ ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ؟

ޓްރުގަނީނާ ގެ މިހާދިޘާ ހިނގި ދުވަސްވަރު، މަޝްހޫރު ބޮކްސަރެއްކަމުގައިވާ ސޭމް އަބްދުލްރަހީމް (ދަ ޕަނިޝަރ) ވަނީ ގޭންގަކުން އޭނާގެ ލޯބިވެރިޔާގެ ކުރިމަތީގައި، އެމީހުން ދިރިއުޅޭ ސާރވިސް އެޕާޓްމަންޓްގެ ކާރު ޕާކިންގ ތެރޭގައި، ރަހުމްކުޑަ އަނިޔާވެރި ގޮތަކަށް މަރާލާފައެވެ. ސޭމް އަބްދުލްރަހީމްއަކީ ދުންފަތުގެ ވަގު ވިޔަފާރީގެ ބޮޑެއްގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން ގެންދިޔަ މީހެކެވެ. (ނުނިމޭ).