މުސްލިމު އަޅަކު ﷲ އަށް ކުރާ އަޅުކަންތައް ދެ ޝަރުތަކާއިއެކު މެނުވީ އެކަލާންގެ ޙަޟްރަތުގައި ޤަބޫލުވެވިގެން ނުވެއެވެ. އެއީ އެ އަޅުކަމެއްގައި އެކަލާންގެއަށް އިޚްލާސްތެރިވުމާއި، ނަބިއްޔާ صلى الله عليه وسلم އެ ޢަމަލެއް ކުރެއްވި ގޮތަށްކުރުމެވެ. މި ދެޝަރުތުންކުރެ ޝަރުތެއް އުނިވެއްޖެ ނަމަ އެމީހެއްގެ ޢަމަލަކީ ބާތިލް ޢަމަލަކަށްވެގެންދެއެވެ.
އެމީހެއްގެ އަޅުކަމުގައި މާތް ﷲ އަށް އިޚްލާޞްތެރިވެ ނަމަވެސް ނަބިއްޔާ صلى الله عليه وسلم އެ އަޅުކަމެއް ކުރެއްވި ގޮތާއި ޚިލާފައް އެ އަޅުކަމެއް އަދާކޮށްފިނަމަ ފަހެ އެ ޢަމަލެއް ވެގެންދާނީ ބިދުޢަ އަކަށެވެ. ހަމައެފަދައިން އެމީހެއްގެ އަޅުކަމުގައި ނަބިއްޔާ صلى الله عليه وسلم ކުރެއްވި ގޮތަށް ކޮށްފައި ނަމަވެސް މާތް ﷲ އަށް ޢިޚްލާޞްތެރި ނުވާނަމަ އެ އަޅުކަމެއް ވެގެންދާނީ ޝިރުކުގެ ޢަމަލަކަށެވެ. މި ދެންވުނު ދެ ޝަރުތުގެ މިޘާލަކީ މީހަކު މާތް ﷲ އަށްޓަކައި ފަތިސްނަމާދު 4 ރަކުޢަތް ކުރުމުވެ، އެހިނދު އެއީ ބާތިލްވެގެންވާ ބިދުޢައެ އެކެވެ. ދެވަނަ މިޘާލަކީ މީހަކު ފަތިސްނަމާދު ސުންނަތާއި އެއްގޮތަށް ފުރިހަމައަށް 2 ރަކުއަތް ކުރުމެވެ ނަމަވެސް އެ ދެރަކުޢަތް އެމީހާ އަދާކުރަނީ މީހުންނަށް ދެއްކުމަށެވެ، މިހުންގެފަރާތުން ރީތިބަސް ލިބިގަތުމަށެވެ، މާތް ﷲ އަށްޓަކާ އެއްނޫނެވެ. އެފަދަމީހާގެ އެ އަޅުކަންކުރީ މާތް ﷲ އަށްނޫނެވެ މީސްތަކުންނަށެވެ އެއީ ޝިރުކުގެ ޢަމަލެކެވެ.
މި ބަޔާންކުރެވުނު ފުރަތަމަ ޝަރުތު " އަޅުކަންތަކުގައި މާތް ﷲ އަށް އިޚްލާޞްތެރިވުމާއި " މެދު މި ލިޔުމުގައި ބަލައިލާނަމެވެ. އެގޮތުން އަޅުކަންތަކުގައި އެންމެފަސޭހައިން އިޚްލާޞްތެރިކަން ގެއްލުވާލާ ސަބަބަކީ އިޚްލާޞްތެރިކަމުގެ ނިޔަތް ފަސާދަ ކޮށްލާ ދެއްކުންތެރިކަމެވެ.
ކީރިތީ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރެއްވިއެވެ :
إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمُ الشِّرْكُ الْأَصْغَرُ ، قَالُوا : وَمَا الشِّرْكُ الْأَصْغَرُ يَا رَسُولَ اللهِ ؟ قَالَ : الرِّيَاءُ ، يَقُولُ اللهُ عَزَّ وَجَلَّ لَهُمْ يَوْمَ الْقِيَامَةِ إِذَا جُزِيَ النَّاسُ بِأَعْمَالِهِمُ : اذْهَبُوا إِلَى الَّذِينَ كُنْتُمْ تُرَاؤُونَ فِي الدُّنْيَا ، فَانْظُرُوا هَلْ تَجِدُونَ عِنْدَهُمْ جَزَاءً
مسند أحمد (39/ 39 ط الرسالة)
ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ތިމަން ނަބިއްޔާ ބިރުފުޅު ގަންނަ ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ބިރުފުޅުގަންނަ ކަމަކީ ކުޑަ ޝިރުކެވެ." މީސްތަކުން ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ. ކުޑަ ޝިރުކަކީ ފަހެ ކޮބައިތޯއެވެ؟ ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ: އެއީ ރިއްޔާއެވެ. (ދެއްކުންތެރިކަމެވެ.) ގިޔާމަތް ދުވަހު މީސްތަކުން ކުޅަ އަމަލުތަކަށް ޖަޒާ ދެއްވޭ ހިނދު ﷲ އައްޒަ ވަޖައްލަ އެ (ދެއްކުންތެރިވި) މީހުންނަށް ވަހީ ކުރައްވާނެއެވެ: ތިޔަބައިމީހުން ދުނިޔެމަތީގައި އެ ބަޔަކަށް ދެއްކުންތެރިވި މީހުން ކައިރިއަށް ގޮސް އެބައިމީހުންގެ ގާތުގައި ޖަޒާއެއް ވޭތޯ ނިކަން ބަލާށެވެ."
އަދިވެސް އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ أيها الناس إياكم وشرك السرائر " قالوا: يا رسول ال له ما شرك السرائر؟ قال: يقوم الرجل فيصل فيزين صَلاته جاهدا لما يرى من نظر الناس إليه ذاك شرك السرائر
އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން ސިއްރު ޝިރްކުން ސަލާމަތްވެ ދުރުހެލިވާށެވެ. ޞަޙާބީން ދެންނެވިއެވެ. ސިއްރު ޝިރްކަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. މީހަކު ގަދައަޅައި ނަމާދު ކުރެއެވެ، ނަމަވެސް މީސްތަކުންނަށް ދެއްކުމަށް ޓަކައެވެ. އެއީ ސިއްރު ޝިރްކެވެ
( السنن الكبرى للبيهقي )2/ 413
އަޅުކަމަށް ދެއްކުން ތެރިކަމުން ކުރާ އަސަރަކީ ކޮބައި ހެއްޔެވެ؟
ޢިލްމުގެ އަހުލުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި އަޅުކަމުގެ ތެރެއަށް ދެއްކުންތެރިކަން ވަނުމުގެ ދެ ޞިފައެއްވެއެވެ، އެއީ އެކުއެކި ގުޅިފައިވާ އަޅުކަމަކަށް ދެއްކުންތެރިކަން ވަނުމެވެ، ދެވަނައީ ބައިބައިވާ އަޅުކަމަކަށް ދެއްކުންތެރިކަން ވަނުމެވެ.
ގުޅިފައިވާ އަޅުކަމަކަށް ދެއްކުންތެރިކަން ވަނުން
ގުޅިފައިވާ ޢަމަލަކަށް ދެއްކުންތެރިކަން ވަނުމުގެ މިޘާލަކީ ނަމާދު ދެއްކުންތެރިކަމުގައި ކުރުން ނަމާދަކީ ތަކްބީރުން ފެށޭގޮތަށް ސަލާމް ދިނުމާއި ހަމައަށް ގުޅިފައިވާ އަޅުކަމެކެވެ. މިފަދަ އަޅުކަމެއްގެ އަޞްލު ފެށުނީ ނުވަތަ އަޅުކަން ބިނާކުރީ ދެއްކުންތެރިކަމަށް ކަމުގައިވާނަމަ އެ އަޅުކަމަކި ބާތިލްވެގެންވާ ޢަމަލެކެވެ. މިޘާލަކަށް މީހަކު ނަމާދައް މި ދިއައީ މީސްތަކުން އޭނައަކީ އަޅުވެރި ރަނގަޅުމީހެއް ކަމުގައި ބުނޭތޯ މީހުންނަށް ދައްކާލުމަށާއި ރީތިބަސް ހޯދުމުގެ ނިޔަތުގައިއެވެ އެފަދައިން އޭނާ މުޅި ނަމާދު ފަށައި ނިންމާލައެވެ.
މީހަކު ނަމާދުފެށީ ދެއްކުންތެރި ކަމުގައި ކަމުގައިވެފައި އެމީހާ ނަމާދު ތެރޭގައިހުއްޓާ ދެއްކުންތެރިކަމުގެ ނުބައިކަން ހަނދާންވެ އެއީ ޝިރުކުކަން ހަދާންވެ ނަމާދު ނުނިމެނީސް ނަމާދުތެރޭގައި މާތް ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށްއެދި ދެއްކުން ތެރިކަން ދޫކޮށް އިޚްލާޞްތެރިވިއެވެ. އެފަދަ މީހާގެ މައްޗަށްވަނީ އަލުން ނަމާދު ފަށައިގެން ކުރުމެވެ.
މީހަކު ނަމާދުފެށީ ﷲ އަށްޓަކައި އިޚްލާޞްތެރިކަމާއިއެކު ނަމަވެސް އޭނަގެ ނަމާދުތެރޭގައި ވަނިކޮށް އެ ނަމާދަށް ދެއްކުންތެރިކަންވަން މިޘާލަކަށް މީހަކު ﷲއަށްޓަކާއި އިޚްލާޞްތެރިކަަމާއިއެކު ނަމާދުކުރަން ހުއްޓާ އޭނަގެ ކައިރިއަށް އައި އިސްވެރިއެއް ނުވަތަ މާތްމީހެއް އެމީހާއަށް ދައްކާލުމަށް އޭނަގެ އިޚްލާޞްތެރިކަން ދޫކޮށްލުން. އެފަދަ މިހާ ނަމާދު އެގޮތުގައި ދެމިހުރެ ނިންމާލިނަމަ އޭނަގެ ޢަމަލުވެސް ޞައްހަވެގެން ނުވާނެ ކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވާފައިވެއެވެ ނަމަވެސް އެމިހާ އަޅުކަން ނުނިމެނީސް ދެއްކުންތެރިކަމުން ދުރުވެ ރައްކާތެރިކަަމަށްއެދި އިޚްލާޞްތެރިވެ ﷲ އަށްޓަކަައި ނަމާދު ނިންމާލިނަމަ އޭނަގެ ޢަމަލު ޞައްހަވެގެންވެއެވެ ، އެމީހާ އެއީ ފާފައިން ތައުބާވެގެންވާ މީހެއްފަދައެވެ.
ބައިބައިވާ އަޅުކަމަކަށް ދެއްކުންތެރިކަން ވަނުން
މިހާލަތުގައި ބާތިލްވެގެންވަނީ ދެއްކުން ތެރިކަންވަން ބައެކެވެ. މިޘާލަކަށް މީހަކު 500 ރުފިއާއިން ޞަދަޤާތްކުރަން ގަޞްދުކޮށް 100 ރުފިއާއިން 100 ރުފިއާއިން ބައިބައިކޮށް މީހުންނަށް ﷲ އަށްޓަކައި ޞަދަޤާތް ކުރަމުން ދިއައެވެ. އެގޮތުގައި ދަނިކޮށް އޭނައާ ބައްދަލުވި ފަޤީރު 3 މީހަކަށް ﷲ އަށްޓަކާ މީހަކަށް 100 ރުފިއާ ދިނެވެ. ދެން މީސްތަކުންގެ ތެރޭގައި ތިބި ދެމީހަކަށް ބާކީއޮތް 200 ރުފިއާ ދޭން އޭނަގެ ނިޔަތް ބަދަލުވެ އެތަނުގައި ތިބި މިހުންނަށް ދައްކާލުމަށް އެ ނިޔަތުގައި އަދި އޭނައަކީ ދީލަތި ހެޔޮމީހެކޭ މީސްތަކުން ބުނާތޯ އެ ދެމީހުންނަށް އެ ރުފިއާ ޞަދަޤާތް ކުރިއެވެ. މިހާލަތުގައި ޞައްހަވާނީ ﷲ އަށްޓަކައި ހޭދަކުރި 300 ރުފިއާއެވެ.
މީހަކު ހެޔޮޢަމަލެއް ކުރުމަށްފަހު ދެއްކުންތެރިކަން އައުން
މި ހާލަތުގައި ހެޔޮޢަމަލު އެމީހާކުރީ ﷲ އަށްޓަކައި އިޚްލާޞްތެރިވެ ކަމުގައިވާނަމަ އެ ޢަމަލު ޞައްޙަވާނެއެވެ، އަދި އެމިހާ އޭނަގެ އެ އަޅުކަމުގެ ވާހަކަ މީސްތަކުންނަށް އަންގާ ހެދުމުން ފާފަވެރިވާނެއެވެ. މިޘާލަކަށް މީހަކު ހައްޖު ނުވަތަ ޢުމްރާގެ އަޅުކަން ﷲ އަށްޓަކައި އަދާކުރުމަށްފަހު އައިސް އޭނަގެ މައިންބަފައިން އުފާކޮށްދިނުމަކަށްޓަކާނޫން އަދި އޭނަގެ އަޚުންނަށް އަޅުކަމަށް ހިތްވަރު ދިނުމަށްޓަކައިވެސް ނޫން ، އޭނަގެ ނިޔަތަކީ އެ އަޅުކަމަށް މިހުންގެ ތަޢުރީފް އަދި ރީތިބަސް ހޯދުން ކަމުގައިވުން.
މި ޝިރުކުން ސަލާމައްވުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭނެއެވެ. މި ޝިރުކުން ސަލާމަތްވުމަށް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މި ދުޢާ ކުރުމަށް އިރުޝާދުދެއްވިއެވެ" اللهمَّ إني أعوذُ بك أنْ أُشرِكَ بك و أنا أعلمُ ، و أستغفرُك لما لا أعلمُ
ހޮޔޮ ޢަމަލުތައް ކުރާހިދު ފޮޓޯ ނެގުމާއި ފޮޓޯތަށް އާމުކުރުމާއި ދެއްކުން އިޚްލާޞްތެރިކަން ގެއްލިދާނޭ އެންމެހާ ކަންތައްތަކުން ދުރުވާން މަސައްކަތްކުރަން ޖެހޭނެއެވެ. ﷲ އަށްޓަކާ ނޫންގޮތަކަށް މުޅި އުމުރުގައި އަޅުކަމުގައި ދެމިހުރިއަސް އެމީހެއްގެ ޢަމަލުތައްވަނީ ބާތިލްވެގެންނެވެ.