"ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން" ގެ ނަމުގައި ކުރިޔަށްދާ މި ބައްދަލުވުމަކީ ދެ ދުވަހުގެ މުއްދަތަށް ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ކުރިޔަށްގެންދާ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދުއެވެ. މި ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގައި ރާއްޖޭގެ ފަރާތުން ޑރ. އަލީ ނަސީރު ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންފަރެންސް ބާއްވަނީ އދ.ގެ އާންމު މަޖިލީހުގެ ގަރާރު "ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްޓައިން" ގެ ދަށުންނެވެ. ފްރާންސް އަދި ސަޢޫދީ ޢަރަބިއްޔާއިން ރިޔާސަތު ބެލެހެއްޓުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގެ ކުރިން، މިނިސްޓީރިއަލް ހައިލެވެލް ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި ރާއްޖޭގެ ބައިވެރިވުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ސުލްހައާއި ހަމަޖެހުމާއި އަދުލު އިންސާފު ގާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ދެމުންދާ އެއްބާރުލުން ރަމްޒުކޮށްދޭ ކަމަށެވެ.